އެމެރިކާގެ ކެލިފޯނިއާގެ ސިޓީއެއް ކަމަށްވާ ލޮސްއެންޖެލިސްގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ ހޮސްޕިިޓަލްތައް ވަނީ ފުރިފައެވެ. ބަލި މީހުން އެޑްމިޓް ކުރާނެ ޖާގައިގެ އިތުރުން އެމަޖެންސީ ހާލަތުގައި ބަލި މީހުންނަށް ފަރުވާ ދެވޭނެ ގޮތެއް ވެސް ގިނަ ހޮސްޕިޓަލްތަކުގައި މިހާރު ނެތެވެ. އެހެންކަމުން ހާލުދެރަ މީހުން ހޮސްޕިޓަލަށް ވެސް ނުގެންގޮސް އެމީހުން މަރުވާން ދޫކޮށްލަމުންދާ ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

"ލޮސްއެންޖެލިސް ޓައިމްސް" ގައި ބުނެފައި ވަނީ ހާޓްއެޓޭކެއް ޖެހިގެން ފުރާނަ ސަލާމަތް ކުރެވިދާނެ ކަމުގެ އުއްމީދު ނެތް މީހުން ނުވަތަ ސިއްހީ ބޮޑު މައްސަލައަކާއި ގުޅިގެން ހާލު ދެރަވާ މީހުން ފުރާނަ ސަލާމަތް ނުކުރެވޭނެ ކަމަށް ޕެރަމެޑިކުންނަށް ފެންނަނަމަ އެމީހުން ހޮސްޕިޓަލަށް ނުގެންގޮސް އެއޮތްތަނެއްގައި މަރުވާން ދަނީ ދޫކޮށްލަމުންނެވެ.

"އިތުރު އެއްވެސް ގޮތެއް ނެތް. ހޮސްޕިޓަލަށް ގެންގޮސް ކުރާނެ ކަމެއް ވެސް ނެތް. ހޮސްޕިޓަލްތައް ވަނީ ފުރިބާރުވެފައި." ޕެރަމެޑިކަކު މީޑިއާއަށް މައުލޫމާތު ދެމުން ބުންޏެވެ.

ލޮސްއެންޖެލިސްގެ ހާލަތު ކިތައްމެ ގޯސްވެފައި ވީނަމަވެސް އަދިވެސް މާގިނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައެއް ނުވެއެވެ. އަދިވެސް އަޅުކަންކުރާ ޗާޗްތަކާއި ކަސްރަތު ކުރާ ޖިމްތައް ވެސް ވަނީ ހުޅުވާފައެވެ. ނަތީޖާއަކަށް ވެފައި ވަނީ ކޮންމެ ދުވަހަކު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމެވެ.

ލޮސްއެންޖެލިސްގެ ހޮސްޕިޓަލަކުން މިހާރު މީހަކަށް ޖާގައެއް ލިބެނީ ހޮސްޕިޓަލުން މީހަކު މަރުވުމުންނެވެ.

ބަލި މީހުން ހޮސްޕިޓަލަށް ގެންދާ އެމްބިއުލާންސްތައް ވެސް ހޮސްޕިޓަލަށް ވަންނާނެ ޖާގައެއް ނުލިބިގެން ހޮސްޕިޓަލްތަކުގެ ބޭރުގައި އެތައް ގަޑިއިރަކު މަޑުކުރަން ޖެހޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

"ހޮސްޕިޓަލްތައް މިއޮތީ ކުއްލި ނުރައްކަލުގެ ހާލަތުގައި. އަޅުގަނޑުމެންގެ ސިއްހީ އެހީތެރިން މިވަނީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ބަލިވެފައި." ލޮސްއެންޖެލިސްގެ ހެލްތު ސްޕަވައިޒާ ހިލްޑާ ސޮލިސް ވިދާޅުވިއެވެ.

ލޮސްއެންޖެލިސްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް ކްރިމަސް އާއި އާއަހަރު ފާހަގަ ކުރަން އަނެއްކާ ގިނަ ބަޔަކު އެއްތަންވެ ޕާޓީތައް ބޭއްވުމުން ހާލަތު ވަނީ ކުރިއަށް ވުރެ ގޯސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު