ކޮވިޑް-19 ޖެހިގެން މެކްސިކޯ އިން މިއަދު އިތުރު 1065 މީހަކު މަރުވެއްޖެއެވެ. މިއަދު މެކްސިކޯ އިން ވަނީ އިތުރު 11,271 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ.

މެކްސިކޯ އިން މިއަދު ކޮވިޑް-19 ޖެހިގެން ފައްސިވި މީހުންގެ އަދަދު އެގާރަހާހަށް އަރާފައި މިވަނީ ފާއިތުވި ތިން ދުވަހު އެގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ހަހާހުގައި ހުރުމަށްފަހުއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މެކްސިކޯ އަކީ މިހާތަނަށް 13 ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ. އެގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 1.4 މިލިއަނަށް އަރައެވެ. އޭގެތެރެއިން 128,822 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

މެކްސިކޯގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއިއެކު ހޮސްޕިޓަލްތަކަށް ވަނީ ބާރުބޮޑުވެފައެވެ. މެކްސިކޯގެ ޑޮކްޓަރުން ވަނީ ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްތަކަށް ބާރުބޮޑުވަމުން ދާތީ އާއްމުން ކޮންމެހެން ގެއިން ބޭރަށް ނިކުންނަން ޖެހިގެން ނޫން ގޮތަކަށް ގެއިން ބޭރަށް ނުނިކުންނަން އިލްތިމާސް ކުރަމުންނެވެ.

"އަހަރެމެންގެ ހޮސްޕިޓަލް ވަނީ ފުރިފައި، އިތުރު ބަލި މީހަކު ބާއްވާނެ ޖާގައެއް ނެތް. އަހަރެމެން ދުވަހަކު ވެސް އުއްމީދެއް ނުކުރަން ހޮސްޕިޓަލްގެ ހާލަތު މިހެން ވެދާނެ ކަމަކަށް." ޑޮކްޓަރުން އާއްމުކުރި ވީޑިއޯއެއްގައި އިއްޔެ ޑޮކްޓަރަކު ބުނެފައި ވެއެވެ.

މެކްސިކޯ ގައި މިހާރު ވަނީ ކޮވިޑް-19 ވެކްސިން ދޭން ފަށާފައެވެ. މިހާތަނަށް ބައިލައްކަ އާއި ގާތްކުރާ އަދަދަކަށް ވަނީ ވެކްސިން ދީފައެވެ. އޭގެތެރެއިން ގިނަ މީހުންނަށް ސިއްހީ މައްސަލައެއް ދިމާނުވި ނަމަވެސް ވެކްސިން ދިން މީހުންގެ ތެރެއިން ފަސް މީހަކަށް އެލާޖިކް މައްސަލައެއް ދިމާވެގެން ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހުނެވެ.