ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 445 މީހަކު މަރުވެއްޖެއެވެ.

ރަޝިއާއަކީ ދުނިޔެއިން ހަތަރު ވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ. އެ ގައުމުގައި ކޮންމެ ދުވަހަކު ގޮތަކަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އުޅެނީ 20،000 އަށްވުރެ މަތީގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19ގެ ފަހުގެ ތަފާސްހިސާބުތައް ގެނެސްދޭ ގައުމީ އިދާރާއަކުން ބުނެފައިވަނީ އެގައުމުގައި ކޮވިޑް-19 ޖެހިގެން ޖުމްލަ 59،951 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި މަރުވެފައިވާ 445 މީހަކު ހިމެނެއެވެ. މިހާތަނަށް އެގައުމުން އެއްދުވަސް ތެރޭ އެންމެ ގިނަ މީހުން މަރުވެފައިވަނީ ޑިސެމްބަރު 24 ވަނަ ދުވައެވެ. އެދުވަހު އެގައުމުން 635 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

ފާއިތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު، އެ ގައުމުން 24،217 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެގައުމުން މިހާތަނަށް އެންމެ ގިނަ މީހުން އެއް ދުވަސްތެރޭގައި ފައްސިވެފައިވަނީވެސް މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 29،935 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

އެ ގައުމުގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 3،308،601 އަށް އަރާފައެވެ.

ރަޝިއާގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު، އެ ބަލީގައި މަރުވާ މީހުންގެ އަދަދުތައް ހިފެހެއްޓުމެއް ނެތި ދަނީ މައްޗަށެވެ. އެ ގައުމުން މިހާރު ދަނީ ކޮވިޑް-19 ވެކްސިން ދިނުމަށް ބޮޑު ޕްރޮގްރާމެއް ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު