އެމެރިކާގެ ރިޔާސީ އިންތިޙާބުގެ ނަތީޖާ ގަބޫލުނުކޮށް މިހާރުގެ ރައީސް ޓްރަމްޕުގެ ސަޕޯޓަރުން މުޒާހަރާ ކުރަމުން ދަނިކޮށް އެމެރިކާގެ ސެނެޓުގެ ކޮންޓްރޯލުވެސް ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީ އަށް ގެއްލިއްޖެއެވެ.

ރިޕަބްލިކަން ޕާޓީ އަށް ގޮނޑިި ގެއްލުނުކަން ޔަގީންވީ މިއަދު ބޭއްވި އިންތިހާބުގެ ޖޯގިއާގެ ދެ ގޮނޑިވެސް ޑިމޮކްރެޓިކް ޕާޓީ އިން ކާމިޔާބު ކުރުމުންނެވެ.

މިއާއިއެކު ސެނެޓުގެ 50 ގޮނޑި ކޮންމެ ޕާޓީ އަކަށްވެސް ވަނީ ލިބިފައެވެ. ނަމަވެސް އެމެރިކާގެ އިންތިޙާބީ ރައީސް އަކީ ޑިމޮކްރަޓިކް ބޭފުޅަކަށް ވާތީ ސެނެޓުގެ ކޮންޓްރޯލް ރިޕަބްލިކަން ޕާޓީ އަށް ގެއްލުނީއެވެ.

މިހާލަތުގައި ސެނެޓުގެ ރައީސަކަށް ވެވަޑައިގަންނަވާނީ އިންތިޙާބީ ނައިބު ރައީސްއެވެ. ނަމަވެސް ނައިބު ރައީސް އަށް ވޯޓު ލެވޭނީ ސެނެޓުގައި ނަގާ ވޯޓު އެއްވަރުވެއްޖެ ހާލަތެއްގައެވެ. މިހާރު ކޮންމެ ޕާޓީ އަކަށްވެސް 50 ގޮނޑި ލިބިފައިވުމުން ނައިބު ރައީސް ޓައި ބްރޭކް ވޯޓު ލާން ޖެހޭ ހާލަތްތައް އަންނާނެއެވެ.

ކުރިއަށް އޮތް ދައުރުގައި އެމެރިކާގެ ސެނެޓާއި ހައުސްގެ ކޮންޓްރޯލް ވެސް އޮންނާނީ ވެރިކަން ކުރާ ޑިމޮކްރަޓިކުންނަށެވެ. އެހެންކަމުން ކުރިއަށް އޮތް ހަތަރު އަހަރަކީ ފާއިތުވި އަށްއަހަރު ބައެއް ހާލަތްތަކުގައި އެމެރިކާގެ ބަޖެޓް ފާސްނުކުރެވި ސަރުކާރު ހުއްޓެން މެދުވެރިވި ފަދަ ކަންކަން ދިމާނުވެ ކުރިއަށް ދާނެ ހަތަރު އަހަރު ކަމަށް ގަބޫލު ކުރެވެއެވެ.

ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ޖޯޖިއާގެ ދެގޮނޑި ކާމިޔާބު ކުރެއްވި ރަފޭލް ވަނޮކް އާއި ޖޯން އޮސޮފް އަށް މިލިބުނީ ވަރަށް ތާރީޚީ ކާމިޔާބެކެވެ. ވަނޮކް ވެވަޑައިގަންނަވާނީ ޖޯޖިއާ އިން ސެނެޓްގެ އިންތިޚާބެއް ކާމިޔާބު ކުރެއްވި ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. އޮސޮފް ވެވަޑައިގަންނަވާނީ ޖޯޖިއާ އިން އިންތިޚާބު ކާމިޔާބު ކުރެއްވި ފުރަތަމަ ޖުވިޝް އަށެވެ. އަދި އުމުރުން އެންމެ ހަގު ސެނެޓަރުގެ ޝަރަފް ވެސް އުމުރުން 33 އަހަރުގެ އޮސޮފް އަށް ލިބިވަޑައިގަންނަވާނެއެވެ.

ވަނޮކް އާއި އޮސޮފް އަށް ވެސް އިންތިޚާބު ކާމިޔާބު ކުރެވުނީ ވަރަށް ކުޑަ ތަފާތަކުންނެވެ.