އެމެރިކާ އިން އިއްޔެ ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެ، ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ އެމެރިކާ އިން 260973 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި ކޮވިޑް-19 ޖެހިގެން 4100 މީހުން ވަނީ މަރުވެފައެވެ. އެހެންކަމުން އިއްޔެ އަކީ މިހާތަނަށް އެމެރިކާ އިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ، އަދި އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވި ދުވަހެވެ.

އެމެރިކާގެ ވަކިވަކި ސްޓޭޓްތަކަށް ބަލާއިރު އަދިވެސް އެންމެ ހާލަތު ގޯހީ ކެލިފޯނިއާގައެވެ. ކެލިފޯނިއާ އިން އިއްޔެ ވެސް 34000 މީހުން ފައްސިވެ، 562 މީހުން ވަނީ މަރުވެފައެވެ.

އެމެރިކާގެ ގިނަ ސްޓޭޓްތަކުގެ ހާލަތު ގޯސްވަމުން ދިޔަ ނަމަވެސް ކޮވިޑް-19 ކޮންޓްރޯލް ކުރަން އަދިވެސް ގިނަ ސްޓޭޓްތަކުން ވަރުގަދަ ފިޔަވަޅުތަކެއް ނާޅައެވެ. އެހެންކަމުން އެމެރިކާގެ ހާލަތު އަދިވެސް ކުރިއަށް އޮތްތަނުގައި އިތުރަށް ގޯސްވެގެން ދާނެކަމަށް ތަޖުރިބާކަރުން ވިދާޅުވެއެވެ.

އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ ކުރިން ލަފާކުރިވަރަށް ވުރެ ލަސް ދުވެއްޔެއްގައެވެ. މިދިޔަ އަހަރު ނިމުމުގެ ކުރިން 20 މިލިއަން މީހުންނަށް ވެކްސިން ދޭން އެމެރިކާ އިން އަމާޒު ހިފި ނަމަވެސް އަދި ވެކްސިން ދެވުނީ 5.3 މިލިއަން މީހުންނަށެވެ. މިހާރު 17.2 މިލިއަން ޑޯޒްގެ ވެކްސިން ވަނީ އެމެރިކާގެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދީފައެވެ.

އެމެރިކާގައި ކޮވިޑް-19 ވެކްސިން ދެމުން ދިޔަ ނަމަވެސް ވެކްސިން ދެވެމުންދާ ސްޕީޑަށް ބަލާއިރު އެމެރިކާގެ ހާލަތު ރަނގަޅު ވާނެ ކަމަށް ބެލެވެނީ އަދި ދެތިން މަސްދުވަސް ފަހުންނެވެ.