އެމެރިކާގެ ރިޔާސީ އިންތިހާބުގެ އިލެކްޓޯރަލް ވޯޓްގެ ނަތީޖާގެ ގާނޫނީ ސައްހަކަން އިއުލާން ކުރުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ބާއްވާ ޖަލްސާއާ ދިމާކޮށް ގާނޫނު ހަދާ މަޖިލީހުގެ ގެ ކަމުގައިވާ ކެޕިޓޮލްގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ދެކެ ލޯބިވާ ކަމަށް ރައީސް ޓްރަމްޕް ބުނެފިއެވެ.

ހަމަނުޖެހުން ހިނގަމުން ދަނިކޮށް ރައީސް ޓްރަމްޕް ކުރި ޓްވީޓެއްގައި ބުނީ ކެޕިޓޮލް ކައިރީ ކުރަމުންދާ އިހްތިޖާޖްގެ ބައިވެރިންނަކީ ހާއްސަ ބައެއް ކަމަށާއި އެ ބައިވެރިން ދެކެ އޭނާ އިންތިހާއަށް ލޯބިވާ ކަމަށެވެ. ދެން އިހްތިޖާޖް ނިންމާލުމަށް ފަހު ގެއަށް ދިއުމަށް އިލްތިމާސް ކުރަމުން ރައީސް ޓްރަމްޕް ބުނީ "ވަގަށް ނަގާފައިވާ" އިންތިހާބެއްގެ ސަބަބުން މާޔޫސްވެފައިވާ މިންވަރު އިހްސާސްކޮށްލެވޭ ކަަމަށެވެ.

ހަމަނުޖެހުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް ރައީސް ޓްރަމްޕް ކުރި ބައެއް ޓްވީޓްތައް މިހާރު ޓްވީޓާއިން ވަނީ ނަގާފައެވެ. އަދި 12 ގަޑިއިރަށް ޓްރަމްޕްގެ ޓްވީޓާ އެކައުންޓް ބޭނުން ނުކުރެވޭ ގޮތަށް ވެސް ޓްވީޓާއިން ހަދާފައިވެއެވެ. ޓްވީޓާގެ އިތުރުން ފޭސްބުކްއާއި އެ ކުންފުނީގެ ދަށުން ހިންގާ އިންސްޓަގްރާމް ވެސް ޓްރަމްޕަށް ބޭނުން ނުކުރެވޭ ގޮތް އެ ކުންފުނިން ހަދާފައިވެއެވެ.

މި ހަމަނުޖެހުމާ ގުޅިގެން ވެރިރަށް ވޮޝިންޓަންގެ ޑީސީގައި މިހާރު ކުއްލި ހާލަތު އިއުލާންކޮށް ކާފިއު ހިނގަމުންދާއިރު އިންތިހާބީ ރައީސް ޖޯ ބައިޑައިން ވަނީ މި ކަން ކުށްވެރިކުރައްވާފައެވެ. ބައިޑަން ވިދާޅުވެފައިވަނީ ރޭ ފެނުނު ހަމަނުޖެހުމަކީ މުޅި އެމެރިކާގެ ހާލަތު ނޫން ކަމަށާއި އެއީ އެމެރިކާގައި ތިބި ހައްދުފަހަނައަޅާފައިވާ ވިސްނުމުގެ މަދު ބައެއް ކަމަށެވެ. އަދި އެ އަމަލު ކުށްވެރި ކުރައްވާ ކަމަށް ބައިޑަން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސ

    ދެން މަށައް ހަމަ ހެވެނީ

  2. ރާބޯސް

    ތިތާތިތިބަ ގިނަމީހުންނަކީ ޓުރަމްޕަށް ވޯޓނުލާމީހުން..

    4
    1