އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ އިންތިޚާބުން ބަލިވުމުން އެކަން ގަބޫލުނުކޮށް މަގުތަކަށް ނިކުމެފައިވާ ސަޕޯޓަރުން އެންމެ ފަހުން ދައުލަތުގެ އިދާރާތަކުން އަމަލު ކުރާ ގޮތުން ރުޅިގަދަވެގެން ކޮވިޑް-19 ގަސްދުގައި ފެތުރުމުގެ މަސައްކަތް ފަށައިފިއެވެ.

ވޮޝިންޓަން ޑީސީގެ "ފްރީޑަމް ޕްލާޒާ" ނަމަކަށް ކިޔާ ސަރަހައްދުގައި ބޭއްވި އެއްވުމެއްގައި ވަނީ ގަސްދުގައި ކޮވިޑް-19 ފަތުރަން ގޮވާލާފައެވެ. މާސްކް ނާޅައި އަދި ގައިދުރުކަމެއް ވެސް ނެތި ބާއްވަމުން ގެންދިޔަ އެއްވުމުގައި ވާހަކަދެއްކި މީހަކު ވަނީ ކޮވިޑް-19 ގަސްދުގައި ފެތުރުމަށް އެއްވުމުގެ ބައިވެރިންނަށް ހިތްވަރު ދީފައެވެ.

"ކޮންމެ މީހަކު ވެސް އެނބުރިލާފައި ކައިރީ ހުރި މީހާ ގައިގަ ބައްދާލާ. ބައްދާލާއިރު ބައްދާލަން ވާނީ މިތަނުގައި ތިބި ދިމާ ނުދަންނަ ކޮންމެވެސް މީހަކާއި. ކުރިއަށްދޭ. މިއީ ގިނަ ބަޔަކަށް ބަލި ޖެއްސޭނެ ހަރަކާތަކަށް ހަދާލާ." އެއްވުން ލީޑް ކުރަން ހުރި މީހާ އެއްވުމުގައި ވާހަކަ ދައްކަމުން ބުންޏެވެ. އޭނާ ވަނީ އެވާހަކަ އެއްވުމުގައި ތަކުރާރުކޮށް އެތައް ފަހަރަކު ދައްކާފައެވެ.

އޭނާގެ ގޮވާލުންތަކާއި އެއްގޮތައް ވަރަށް ގިނަ މީހުން ވަނީ އެކަކު އަނެކަކުގެ ގައިގަ ބައްދާ، ކޮވިޑް-19 ފަތުރަން މަސައްކަތް ކޮށްފައެވެ.

ވޮޝިންޓަން ޑީސީ އިން އެވްރެޖްކޮށް ކޮންމެ ދުވަހަކު 233 މީހުން ދަނީ ކޮވިޑް-19 އަށް ފައްސިވަމުންނެވެ. އަދި ކޮންމެ ދުވަހަކު 12 މީހުން އެވްރެޖްކޮށް ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހެއެވެ.

ވޮޝިންޓަންގައި ކުރިއަށް ދިޔަ އެއްވުމުގައި ބައިވެރިވި މީހުންގެ ތެރޭގައި އެމެރިކާގެ އިތުރު ގިނަ ސްޓޭޓްތަކުން ވޮޝިންޓަން ޑީސީ އަށް ދަތުރުކުރި މީހުން ހިމެނެއެވެ. ވޮޝިންޓަން ޑީސީގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައި އޮތް ނަމަވެސް އެމެރިކާގެ ގިނަ ސްޓޭޓްތަކުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަރުފަ ދައިތަ

    ހައް ހައް ހާ... އަމިއްލަ ގައުމު ހަލާކުކުރަނީ އަމިއްލަ ދެއަތުން... ކޮންބަޔަކައްބާ ތިކަމުގެ ސީދާ ގެއްލުންވާނީ