އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮތް ދޫކޮށް ބާރުތައް، އިންތިހާބީ ރައީސް ޖޯ ބައިޑެން އާ ހަވާލު ކުރަން އެއްބަސްވެއްޖެއެވެ.

އިންތިހާބީ ރައީސް ބައިޑަންއަށް ވެރިކަމުގެ ބާރު ހަވާލުކުރުމުގެ އިންތިގާލީ މަރުހަލާ ކުރިއަށް ގެންދަން އެއްބަސްވެ ރައީސް ޓްރަމްޕް ބަޔާނެއް ނެރެފައިމިވަނީ، ބައިޑައިން އިންތިހާބު ކާމިޔާބުކޮށްފައިވާ ކަމަށް އެމެރިކާގެ ކޮންގްރެސްއިން ދެންމެ އިއުލާން ކޮށްފައިވަނިކޮށެވެ. އަދި ރައީސް ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ހަމަނުޖެހުންތައް ހިންގައި ލޭއޮހޮރުވުމުގެ އަމަލުތަކެއް ވެސް ހިނގާފައިވަނިކޮށެވެ.

ރައީސް ޓްރަމްޕް ނެރުނު ބަޔާނުގައި ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޭނާ ގަބޫލު ނުކުރި ނަމަވެސް ބައިޑައިންއަށް ވެރިކަމުގެ ބާރު ހަވާލު ކުރުމަށް އެއްބަސްވީ ސުލްހައަށް ކަމަށެވެ. އެހެން ނަމަވެސް އިންތިހާބު "ވަގަށް ނަގައިގެން ދިޔަ މައްސަލަ" ބަލައި އިންސާފު ލިބެންދެން މަސައްކަތް ދޫކޮށްނުލާނެ ކަމަށާއި އެމެރިކާ އަނެއްކާ ވެސް ވަރުގަދަ ގައުމެއްގެ ގޮތުގައި ގެނެވުމަށް ކުރާ މަސައްކަތް ވެސް ދޫކޮށްނުލާނެ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.

ޓްރަމްޕްގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ، އޭނާ ނިންމާލުމަށް އެދަނީ އެމެރިކާގެ ތާރީޚުގައި ދުށް އެންމެ ވަރުގަދަ ރިޔާސީ ދައުރު ކަމަށެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ރައީސް ޓްރަމްޕް ދެކޮޅު ހަދަމުންދާއިރު އޭނާގެ ވެރިކަން ނިމެން ދެ ހަފްތާ ދުވަހަށް ވެފައިވަނިކޮށް ހިނގި މި ހަމަނުޖެހުންތަކާ ގުޅިގެން ރައީސްގެ މަގާމުން ޓްރަމްޕް ދުރުކުރުމަށް އޭނާގެ ކެބިނެޓުގައި މަޝްވަރާ ކުރަން ފަށާފައިވާ ކަމަށް ވެސް މީޑިއީ ރިޕޯޓްތައް ބުނެއެވެ. މިއީ އެމެރިކާގެ ރައީސަކު ދުރުކުރަން އޮންނަ އެންމެ ފަސޭހަ ގާނޫނީ މަގަށް ވާއިރު މިހާތަނަށް ވެސް އެމެރިކާގެ ރައީސަކު މަގާމުން ދުރުކޮށްފައެއް ނުވެއެވެ.

އެ ހަމަނުޖެހުންތަކަށް ހިތްވަރު ލިބިދޭ ގޮތަށް ޓްރަމްޕް ޓްވީޓާގައާއި ފޭސްބުކްގައި ވާހަކަ ދައްކާފައިވާތީ އެ ދެ ކުންފުނިން ވަނީ ޓްރަމްޕްގެ އެކައުންޓްތައް ވަގުތީ ގޮތުން ބޭނުން ނުކުރެވޭ ގޮތަށް ހަދައިފައެވެ. މި ގޮތުން ޓްވީޓާއިން ޓްރަމްޕްގެ ޓްވިޓާ އެކައުންޓް 12 ގަޑިއިރަށް ލޮކްކޮށްފައިވާއިރު ފޭސްބުކާއި އެ ކުންފުނީގެ ދަށުން ހިންގާ އިންސްޓްގަރާމްގެ އެކައުންޓް ޓްރަމްޕްއަށް ބޭނުން ނުކުރެވޭ ގޮތަށް 24 ގަޑިއިރަށް ލޮކްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޭހޮއްކޮ

    މީއަނެއްބުއްޅަ

    12
    12
  2. ޑގގ

    ކޮބާ ތިޔަ ބުނާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން. ޓްރަމްޕަށް މިނިވަންކަން ލިބިގެންވޭ.