އީރާނުގެ މޭޖާ ޖެނެރަލް ޣައްސާމް ސުލައިމާން އަވަހާރަ ކޮށްލުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމުގެ ތުހުމަތު ކުރެވޭ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައްޔަރު ކުރުމަށް އިރާގުގެ ވެރިރަށް ބަޣުދާދުގެ ކޯޓަކުން އަމުރެއް ނެރެފިއެވެ.
އެމެރިކާއިން ބަޣުދާދުގެ އެއާޕޯޓަށް ދިން ޑްރޯން ހަމަލާއެއްގައި ސުލައިމާނީ އަވަހާރަ ވެފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުއެވެ. އޭގެ ފަހުން އެމެރިކާއާއި އީރާނާއި ދެމެދު އަންނަނީ ދޭތެރެ ދޭތެރެއިން ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ. އެދުވަސްވަރު އީރާނަށް ވާގިވެރިވާ ހަނގުރާމަވެރިން ވަނީ އިރާޤުގައި ތިބޭ އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ވެސް ދީފައެވެ.
އީރާނުގެ ކޯޓަކުން މީގެ ކުރިން މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް ވަނީ ޓްރަމްޕް ހައްޔަރު ކުރުމަށް އަމުރެއް ނެރެފައެވެ. އަދި އިންޓަޕޯލްގައި ރެޑްނޯޓިސް ވެސް ވަނީ ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވާފައެވެ.
އެގައުމުގެ ކޯޓަކުން މި އަމުރު ނެރެފައިވާއިރު، ޓްރަމްޕްގެ މައްޗަށް އެމައްސަލަ ސާބިތު ވެއްޖެނަމަ، ޓްރަމްޕްގެ މައްޗަށް މަރުގެ ހުކުމް އިއްވާނެ ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.
ކޯޓުން ބުނެފައިވަނީ ސުލައިމާނީ އަވަހާރަ ކޮށްލި މައްސަލަ ބަލަމުން އަންނަ ކަންކަމުގެ ފުރަތަމަ މަރުހަލާ ނިމިފައިވާ ކަމަށާއި އެހެން ނަމަވެސް އަދި ކުރަން ޖެހޭ ބައެއް ކަހަލަ ތަހުގީގުތައް އެބަ ހުރި ކަމަށެވެ. އެގޮތުން އެކަމުގައި ހިމެނޭ އިތުރު މީހުން ހޯދުން ހިމެނޭ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން ޓްރަމްޕް ބުނެފައިވަނީ ސުލައިމާނީ އަަވަހާރަކޮށްލެވިފައި މާ ލަހުން ކަމަށާއި އޭނާ އަކީ މާ ކުރިންވެސް އަވަހާރަކޮށްލަން ޖެހޭ މީހެއް ކަމަށެވެ. ޓްރަމްޕް ބުނީ ސުލައިމާނީ އަކީ ނިރުބަވެރިއެއް ކަމަށާއި، އޭނާގެ ސަބަބުން ވަރަށް ގިނަ މީހުން މަރުވެފައިވާ ކަަމަށެވެ.
އީރާނުގެ މޭޖާ ޖެނެރަލް ސުލެއިމާނީ އަވަހާރަކޮށްލަން އެމެރިކާ އިން ދިން ޑްރޯން ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ޙިލާފްކަމެއް ރަޝިއާގެ ރައީސް އަދި ތުރުކީގެ ރައީސްވެސް ވަނީ ވިދާޅުވެފައެވެ.