ފޭސްބުކް އާއި އިންސްޓަގްރާމްއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭން ކޮށްފިއެވެ.

އިންސްޓަގްރާމް އަކީ ވެސް ފޭސްބުކްގެ ދަށުން ހިންގަމުން އަންނަ އެޕްލިކޭޝަނެކެވެ.

ފޭސްބުކްގެ ވެރިޔާ މާކް ޒުކަބާކް ދެންމެ ފޭސްބުކްގައި އާއްމުކުރި ބަޔާނެއްގައި ވިދާޅުވީ ފޭސްބުކާއި އިންސްޓަގްރާމް އިން ޓްރަމްޕް ބޭން ކުރީ އެކުންފުނީގެ ޕްލެޓްފޯމްތައް ބޭނުން ކޮށްގެން އިންތިޚާބީ ސަރުކާރާއި ދެކޮޅަށް ހަމަނުޖެހުންތައް ހިންގުމަށް ހިތްވަރުދެމުން ގެންދާތީ ކަމަށެވެ.

ޒުކަބާކް ވިދާޅުވީ އެންމެ މަދުވެގެން ދެހަފްތާ ދުވަހަށް ޓްރަމްޕްގެ އެކައުންޓްތައް ބޭނުން ނުކުރެވޭ ގޮތައް ހަދާފައިވާ ކަމަށެވެ. އެހެންކަމުން ވެރިކަމުގައި ހުރެ ފޭސްބުކް އާއި އިންސްޓަގްރާމް ބޭނުން ކުރުމުގެ ފުރުސަތެއް ދެން ޓްރަމްޕް އަކަށް ނުލިބޭނެއެވެ. ޖޯބައިޑެން މިމަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ވެރިކަމާއި ހަވާލުވާނެއެވެ.

"އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ގޮތުގައި ރައީސްއަށް ފުރުސަތު ދީފިނަމަ މިވަގުތު އިތުރު ހަމަނުޖެހުންތަކަކަށް މަގުފަހިވެގެން ދާނެ. އެހެންކަމުން އެންމެ މަސްލަހަތު އޮތްގޮތަކީ މިހާރު އަޅާފައި އޮތް ފިޔަވަޅު ދެމެހެއްޓުން." ޒުކަބާކްގެ ބަޔާނުގައި ވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ޤާނޫނީ ސައްހަކަން ކަށަވަރު ކުރުމަށް ކޮންގްރެސްގައި ވޯޓް ނެގުމާއި ދިމާކޮށް ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓަލް ބިލްޑިންގަށް ވަދެ ހަމަނުޖެހުން ހިންގުމުން ޓްރަމްޕް އަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ޓްރަމްޕްގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގާފައި ވަނީ ޓްރަމްޕް އެކަމަށް ހިތްވަރު ދިނުމުން ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.