ކޮވިޑް-19 ޖެހިގެން މިއަދު އިނގިރޭސިވިލާތުން އިތުރު 1162 މީހުން މަރުވެއްޖެއެވެ.

މިއަދަކީ މިހާތަނަށް އިނގިރޭސިވިލާތުން ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 ޖެހިގެން މަރުވި ދުވަހެވެ. އިނގިރޭސިވިލާތުން އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އެވެ. އެދުވަހު 1166 މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން މިރޭ ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރަން އިނގިރޭސިވިލާތުގައި އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުންނާއި ވެކްސިން ދިނުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ ސަބަބުން "ވަރަށް އަވަހަށް އަމާން އައްސޭރިއެއް އަތުވާނެ" ކަމަށް އުއްމީދު ކުރެވެއެވެ.

ޖޯންސަން ވިދާޅުވީ އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް މިހާރު ވަނީ ވެކްސިން ލިބިފައެވެ. ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލް ދެއްވަމުން އޭނާ ވިދާޅުވީ ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މައިގަނޑު ހަތް ވެކްސިން ސެންޓަރު ގާއިމު ކުރާނެ ކަމަށެވެ. ވެކްސިން އިތުރު ސަރަހައްދުތަކަށް ފޯރުކޮށްދޭނީ އެހަތް ސެންޓަރުންނެވެ. ބޮޑު ހަތް ސެންޓަރުން ކުދިކުދި ހާހަކަށްވުރެ ގިނަ ސެންޓަރަށާއި 223 ހޮސްޕިޓަލަކަށާއި އަދި 200 ކޮމިއުނިޓީ ފާމަސީއަށް ވެކްސިން ފޯރުކޮށްދޭނެއެވެ.

"ޖަނުއަރީ 15 ވަނަ ދުވަހުން ފެށިގެން ވެކްސިން ދިނުމުގެ މަސައްކަތް އިތުރު ހަރުފަތަކަށް ދާނެ. އެއާއިއެކު ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކަށް ވެކްސިން ދެވޭނެ މަގު ތަނަވަސްވެގެން ދާނެ." ޖޯންސަން ވިދާޅުވިއެވެ.