ލަންޑަންގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލްތައް ފުރި ފަރުވާ ނުދެވޭ ހާލަތައް ގޮސްފިއެވެ.

އެގައުމުގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާތީ އެގައުމުގެ މޭޔަރ ސާދިގް ޚާން ވަނީ ބަލި ފެތުރުން "ކޮންޓްރޯލްއިން ނައްޓާފައި" ވާކަން އިއުލާނު ކޮށްފައެވެ. އެކަމުގެ ސަބަބުން ހޮސްޕިޓަލްތައްވެސް މިހާރު ވަނީ ފުރެން ފަށާފައެވެ.

ސާދިގް ވިދާޅުވެފައި ވަނީ އެގޮތަށް އެކަން އިއުލާނު ކޮށްފައިވަނީ ވައިރަސްގެ ސަބަބުން ހީނުކުރާ ހާލަތައް އެ ސިޓީ ގޮސްފައިވާތީ ކަމަށެވެ.

"މިވަގުތަކީ ވަގުތުން ވަގުތައް އެކަމަށް ފިޔަވަޅު އަޅަން ޖެހޭ ވަގުތު. ރައްކާތެރިވުމުގެ ގޮތުން ގޭގައި ތިބުން ބުއްދިވެރި. އެހެން ނޫނީ ހޮސްޕިޓަލްތައް ފުރި ގިނަ ބަޔަކު މިބަލީގައި މަރުވުން އެކަށީގެންވޭ" ސާދިގް ވިދާޅުވެފައި ވެއެވެ.

ލަންޑަންގައި ބަލި ފެތުރެން އިންތިހާއަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި އެގައުމުގެ ހޮސްޕިޓަލްތަކުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ މީހުންގެ އިންސައްތަވެސް ވަނީ 42 އަކަށް މަތިވެފައެވެ. މީހުންގެ ނިސްބަތުން ބަލާނަމަ މީގެ ކުރިން 640 ގައި ހުރިއިރު، މިހާރު ވަނީ 908 އަށް މި މަހުގެ 6 ވަނަ ދުވަހު އަރާފައެވެ.

އެގައުމުގެ ހޮސްޕިޓަލުގައި މި ބަލި ޖެހިގެން 7،034 މީހަކަށް ފަރުވާ ދެމުން އަންނައިރު، މީގެ ކުރިން ޕީކް ސީޒަނަށް ފައްސިވެގެން ފަރުވާ ދިން މީހުންނަށްވުރެ މިހާރު ވަނީ 35 އިންސައްތަ މަތިވެފައެވެ.

އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް އެމްބިއުލާންސުތަކުން އަންނަނީ 8،000 އަށްވުރެ ގިނަ އިމަޖެންސީ ފޯނު ކޯލުތައް އަންނަމުންނެވެ. މީގެ ކުރިން އެގޮތަށް އައިސްފައިވަނީ 5،500 ވަރަކަށް ކޯލެވެ.