އެމެރިކާގެ ރައީސް ކަމުގެ ހުވާ ޖޯ ބައިޑެން ކުރައްވާ ރަސްމިއްޔާތައް ނުދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ނޮވެމްބަރ މަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރަން ޓްރަމްޕް ދަނީ ތަކުރާރުކޮށް ދެކޮޅު ހަދަމުންނެވެ. ވެރިކަމުގެ ބާރުތައް ބަދަލު ކުރަން ވެސް ޓްރަމްޕް އެއްބަސްވީ އިއްޔެއެވެ. ވެރިކަމުގެ ބާރުތައް ބަދަލު ކުރަން އެއްބަސްވިކަން އިއުލާން ކުރަމުން ވެސް ޓްރަމްޕް ބުނީ އޭނާ އަދިވެސް އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރާ ކަމަށެވެ.

ބައިޑެން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ޓްރަމްޕް ބައިވެރިވާނެތޯ ސުވާލު އުފެދިފައި ވަނިކޮށް ދެންމެ ޓްރަމްޕް ކުރި ޓްވީޓެއްގައި ބުނީ ރައީސް ހުވާކުރަން ޖަނަވަރީ 20 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތުގައި އޭނާ ބައިވެރިނުވާނެ ކަމަށެވެ. "ސުވާލު ކުރާ ހުރިހާ ފަރާތްތަކަށް ދަންނަވާލަން. ޖަނަވަރީ 20 ވަނަ ދުވަހު އޮންނަ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އަޅުގަނޑު ބައިވެރިއެއް ނުވާނަން." ޓްރަމްޕް ކުރި ޓްވީޓްގައި ބުނެފައި ވެއެވެ.

އެމެރިކާގައި އަލަށް މަގާމާއި ހަވާލުވާ ރައީސުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އެހާތަނަށް ވެރިކަމުގައި ހުންނަވާ ރައީސް ބައިވެރިވެ ވަޑައިގަތުން އެއީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. ބައިޑެން އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި މަގާމާއި ހަވާލުވެ ވަޑައިގަންނަވާއިރު ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތައް މިހާތަނަށް ވަޑައިނުގެންނެވީ އެމެރިކާގެ އެންމެ ތިން ރައީސުންނެވެ.

އެއީ 1797 ވަނަ އަހަރު 1801 ވަނަ އަހަރަށް ރައީސްކަން ކުރެއްވި ޖޯން އެޑަމްސް އާއި 1825 ވަނަ އަހަރުން 1829 ވަނަ އަހަރަށް ރައީސްކަން ކުރެއްވި ޖޯން ކްއިންސީ އެޑަމްސް އަދި 1865 ވަނަ އަހަރުން 1869 ވަނަ އަހަރަށް ރައީސްކަން ކުރެއްވި އެންޑްރޫ ޖޯންސަން އެވެ.

ބައިޑެން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ޓްރަމްޕް ބައިވެރި ނުވުމުން އޭނާ ވެގެން ދާނީ ފާއިތުވި 152 އަހަރު ތެރޭގައި ވެރިކަމުގައި ހުރެ، އާރައީސް މަގާމާއި ހަވާލުވާ ރަސްމިއްޔާތުގައި ބައިވެރިނުވާ ފުރަތަމަ ރައީސަށެވެ.

ޓްރަމްޕް އަކީ އެމެރިކާގެ ތާރީޚްގައި ވެސް ރިޔާސީ އިންތިޚާބެއްގެ ނަތީޖާ ގަބޫލުނުކުރި ހަމައެކަނި ރައީސެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލްޖިބްރާ

    މިއީވެސް ޔާމީނު ކައިރިން ދަސްކުރި މީހެއް !

    17
    39
  2. ޖަނާޒާ

    ތަފާތު ވަރަށް ތަފާތު ރައީސެއްތާ

    10
  3. ރެފްރީ

    ހެހެހެ މީހުންދިމާކުރާނެތީ ލަދުގަންނަނީދޯ؟ ފިނޑިވެސްމީހެކޭދޯ ؟ މަރިޔަމްފުޅު ސަލާމްބުނި !!ީ

    5
    1