އިނގިރޭސިވިލާތުން މިއަދު ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެ، ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު އިނގިރޭސިވިލާތުން 68,053 މީހުން ކޮވިޑް-19 އަށް ފައްސިވެ، އިތުރު 1,325 މީހުން ކޮވިޑް-19 ޖެހިގެން މަރުވިއެވެ. އެހެންކަމުން މިއަދަކީ އިނގިރޭސިވިލާތުން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި އަދި ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

މިއަދު ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެ އަދި ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 ޖެހިގެން މަރުވުމުން އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތުން ބުނީ ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދާނަމަ މަރުވާ މީހުންގެ އަދަދު އަދިވެސް ކޮންޓްރޯލެއް ނެތި އިތުރުވަމުން ދާނެ ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ ހުރިހާ އެންމެން ވެސް ގޭގައި މަޑުކުރަން. ކޮވިޑް-19 އަށް ފައްސިވާ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކީ ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުން. އެހެންކަމުން ގޭގައި މަޑުކޮށްގެން ތިބެގެން ނޫން ގޮތަކަށް ބަލި ކޮންޓްރޯލް ކުރުން އެއީ ވަރަށް ދަތިކަމެއް." ޕަބްލިކް ހެލްތުގެ ޑިރެކްޓަރ ޑރ.ވިލިއަމް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ލަފާކުރާ ގޮތުގައި މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެފައި ވަނީ ކްރިމަސް ފާހަގަ ކުރި ހަރަކާތްތަކުގައި ބައިވެރިވި މީހުންގެ ސަބަބުންނެވެ. ނަމަވެސް ކްރިމަސް އައިއިރު ވެސް އިނގިރޭސިވިލާތުގައި ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރަން ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ.

ކޮވިޑް-19 އިން ސަލާމަތްވުމަށް އިނގިރޭސިވިލާތުން މިހާރު ވަނީ ވެކްސިން ދޭން ފަށާފައެވެ. އަދި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވެކްސިން ދިނުމުގެ މަސައްކަތް އިތުރަށް ފުޅާކުރަން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު