ސްރީލަންކާގައި 2019 ވަނަ އަހަރުގެ އޭޕްރީލް 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ތިން މީހެއްގެ މައްޗަށް އެމެރިކާގެ ކޯޓެއްގައި ދައުވާ އުފުލައިފިއެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާގެ ކޯޓެއްގައި ދައުވާ އުފުލާފައި ވަނީ ސްރީލަންކާގެ ތިން މީހެއްގެ މައްޗަށް ކަމަށެވެ.

ދައުވާ އުފުލާފައި ވަނީ މުހައްމަދު ނައުފަރު ކިޔާ މީހަކާއި މުހައްމަދު އަންވަރު ކިޔާ މީހަކާއި އަހްމަދު މިލްހާން ކިޔާ މީހެއްގެ މައްޗަށެވެ. މިތިން މީހުން ވެސް ތިބީ ސްރީލަންކާގައި ހައްޔަރު ކޮށްފައެވެ.

268 މީހުން މަރުވި ބޮމުގެ ހަމަލާތަކުގައި 500 އަށްވުރެ ގިނަ މީހުން މަރުވިއެވެ. ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި އެމެރިކާގެ ފަސް މީހަކު ވެސް ހިމެނެއެވެ. އޭގެތެރޭގައި ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއްގައި އޭރު ވަޑައިގެން ހުންނެވި އެގައުމުގެ ކޮމާސް މިނިސްޓްރީގެ މުވައްޒަފަކު ވެސް ހިމެނެއެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި ބުނީ ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް އެމެރިކާގެ އެއްވެސް ރައްޔިތަކަށް ހަމަލާއެއްދީ މަރާލައިފިނަމަ އެމަރަކަށް އިންސާފު ހޯދުމަށް މަސައްކަތް ކުރުމަކީ އެެމެރިކާގެ ސިޔާސަތެކެވެ. ސްރީލަންކާގެ ތިން މީހެއްގެ މައްޗަށް ދައުވާ އުފުލީ ވެސް މިސިޔާސަތުގެ ދަށުން ކަމަށް އެމެރިކާ އިން ބުނެއެވެ.

ދައުވާ އުފުލި ތިން މީހުންގެ ތެރެއިން މުހައްމަދު ނައުފަރަކީ ސްރީލަންކާގައި ހަރަކާތްތެރިވި "ސްރީލަންކާ އައިއެސް" ޖަމާއަތުގެ "ދެވަނަ އަމީރު" ކަމަށް އެމެރިކާ އިން ބުނެއެވެ. އޭނާ އަކީ އައިއެސް ޖަމާއަތައް އެހެން މީހުން ރެކްރޫޓް ކުރުމާއި އެޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމާއި މީހުން ތަމްރީން ކުރުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވި މީހެކެވެ.

ދެވަނަ މީހާ ކަމަށްވާ މުހައްމަދު އަންވަރަކީ އީސްޓާ ހަމަލާ ދިނުމަށް ބޭނުން ކުރި އައިއީޑީތައް އުފެދުމުގައި އެހީތެރިކަން ފޯރުކޮށްދިން މީހެކެވެ. ތިންވަނަ މީހާ ކަމަށްވާ އަހްމަދު މިލްހާނަކީ ހަމަލާތައް ދޭނެ ތަންތަން ކަނޑައަޅައި ހަމަލާ ދޭނެ ގޮތްތައް ރޭވުމުގައި ބައިވެރިވި މީހެކެވެ. އޭނާ ވަނީ ފުލުހަކަށް ހަމަލާދީ ފުލުހަކު މަރާލާފައެވެ.

ސްރީލަންކާގައި 2019 ވަނަ އަހަރު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ޝަރީޢަތް އަދިވެސް އެގައުމުގައި ކުރިއަށް އެބަދެއެވެ. އަދި މިހާތަނަށް އެއްވެސް މީހެއްގެ ޝަރީޢަތް ނިމުމަކަށް ނާދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލ

    268 މީހުން މަރުވި ބޮމުގެ ހަމަލާތަކުގައި 500 އަށްވުރެ ގިނަ މީހުން މަރުވިއެވެ.