އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓާ އެކައުންޓް އުމުރު ދުވަހަށް ޓްވިޓާ އިން ސަސްޕެންޑް ކޮށްފިއެވެ.

ހަމަނުޖެހުންތަކަށް ހިތްވަރުދީ ކަނޑައެޅިގެން ދޮގު މައުލޫމާތުތައް ތަކުރާރުކޮށް ފަތުރަމުންދާތީ ޓްވިޓާ އިން މީގެ ކުރިން ވެސް ޓްރަމްޕްގެ ޓްވީޓްތަކުގައި އައީ އިންޒާރުގެ ނޯޓިހެއް ހިމަނަމުންނެވެ. ނަމަވެސް އިންޒާރުތަކަށް ބޯލެނބުމުގެ ވިސްނުމެއް ޓްރަމްޕް ނުގެންގުޅެއެވެ. އެއްވެސް އިންޒާރަކަށް ބެލުމެއް ނެތި ޓްރަމްޕް އަކީ ތަކުރާރުކޮށް ބޭނުން ކޮންމެ ވާހަކައެއް ޓްވީޓް ކުރަމުންނެވެ.

ޓްވިޓާ އިން މީގެ ކުރިން ބުނެފައި އޮތީ ޓްރަމްޕް އެމެރިކާގެ ރައީސް ކަމުގައި ހުންނައިރު ދޮގު މައުލޫމާތު ޓްވީޓް ކުރި ނަމަވެސް އެކައުންޓް ސަސްޕެންޑް ނުކުރާނެ ކަމަށެވެ. ނަމަވެސް އެންމެ ފަހުން އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ޓްވިޓާ އިން ވަނީ ޓްރަމްޕްގެ އެކައުންޓް އުމުރު ދުވަހަށް ސަސްޕެންޑް ކުރިކަން އިއުލާން ކޮށްފައެވެ.

ޓްރަމްޕްގެ އެކައުންޓް ޓްވިޓާ އިން ސަސްޕެންޑް ކުރި ނަމަވެސް ޓްރަމްޕް އަދި ޓްވިޓާ ދޫކޮށެއް ނުލައެވެ. ޓްރަމްޕްގެ އަމިއްލަ އެކައުންޓް ސަސްޕެންޑް ކުރުމުން އެމެރިކާ ރައީސްގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ޓްރަމްޕް ބުނީ "އަހަރެމެން ހަމަހިމޭނަކުން ނުތިބޭނަން." ކަމަށެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެންމެ ބޮޑަށް ހިތްވަރުދީ އެކަމަށް ވަކާލާތު ކުރަމުން އަންނަ ޓްވިޓާ އިން ޓްރަމްޕް އެކައުންޓް ސަސްޕެންޑް ކުރުމުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ޓްރަމްޕް އާއި މެދު އަމަލު ކުރި އުސޫލުން އެއްހަމައެއްގައި އެހެން ފަރާތްތަކާއި މެދު ޓްވިޓާ އިން އަމަލެއް ނުކުރެއެވެ.

އިންސްޓަގްރާމް އާއި ފޭސްބުކް އިން ވެސް ވަނީ ކުރިއަށް އޮތް ދެހަފްތާ ދުވަހަށް ޓްރަމްޕްގެ އެކައުންޓްތައް ސަސްޕެންޑް ކޮށްފައެވެ.