އިނގިރޭސިވިލަތުގައި ދެ މިލިއަން މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ދީފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

ސްކައި ނިއުސް އާއި ވާހަކަ ދައްކަމުން އެގައުމުގެ ހެލްތް ސެކްރެޓަރީ މެޓް ހެންކޮކް ވިދާޅުވެފައި ވަނީ ޑިސެމްބަރު މަހުގެ ތެރޭގައި ދީފައިވާ ވެކްސިނަށްވުރެ ގިނަ އަދަދެއް ފާއިތުވި 7 ދުވަހުގެ ތެރޭގައި ދީފައިވާ ކަމަށެވެ.

އޭނާ ބުނީ ވެކްސިން ދެވުނު ސީދާ އަދަދު ހޯމަ ދުވަހު އިއުލާން ކުރާނެ ކަމަށާއި މިވަގުތާއި ހަމައަށް 2 މިލިއަނަށްވުރެ ގިނަ މީހުންނަށް ވެކްސިން ދެވިފައިވާނެ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން އަންނަނީ ދުވާލެއްގެ މައްޗަށް ދެ ލައްކަ މީހުންނަށް ވެކްސިން ދެވޭތޯ ކަމަށްވެސް ވަނީ ބުނެފައެވެ.

"އަހަރުމެންނަށް މިހާރު ވާނީ މިގައުމުގައި ތިބި އުމުރުން 80 އަހަރުން މަތީގެ މީހުން ތިން ބައިކުޅަ އެއްބައި މީހުންނަށް ވެކްސިން ދެވިފައި" ހެންކޮކް ވިދާޅުވިއެވެ.

ހެންކޫކް ވިދާޅުވީ ބަލީގެ އެންމެ ނުރައްކާ އޮންނަ މީހުންނަށް ވެކްސިން ދެވޭނެ ކަމަށް ބެލެވެނީ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށެވެ.

ދުނިޔޭގެ ގިނަ ގައުމުތަގައި ކޮވިޑް-19 ރައްކާތެރިވުމަށް ވެކްސިން ދެމުން އަންނައިރު، އެންމެ ކުރީގައި އޮންނަ ގައުމެއްގެ ގޮތުގައި ފާހަގަ ކޮށްލެވިފައިވަނީ އިނގިރޭސިވިލަތެވެ. އެގައުމުގައި ވެކްސިން މިހާ ހަލުވި ކަމާއި އެކީ ވެކްސިން ދޭން ފަށާފައިވަނީ ބަލި އިތުރަށް ފެތުރެން ފަށާފައިވަނިކޮށެވެ.

އިނގިރޭސިވިލާތަކީ ދުނިޔެއިން 5 ވަނަ އަށް އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ ގައުމެވެ. އެގޮތުން ބަލާއިރު، އިއްޔެ އެގައުމުން 54،940 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، 563 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަނުބެ23232

    ރާއްޖެއާއި ހަމައަށް ވެކްސިނޭ ކިޔާ އެއްޗެއް ނުވެސް އާދޭ.. ބޭކާރު ރާއްޖެ