އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިނުވުމަކީ އެއީ ރަނގަޅު ކަމެއް ކަމަށް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ނޮވެމްބަރ މަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބު ޓްރަމްޕް ބަލިކޮށް ބައިޑެން ކާމިޔާބު ކުރައްވާފައިވާއިރު، އެނަތީޖާ ގަބޫލު ކުރަން ޓްރަމްޕް ދަނީ ތަކުރާރުކޮށް ދެކޮޅު ހަދަމުންނެވެ.

ބައިޑެން ހުވާ ކުރައްވާ ރަސްމިއްޔާތުގައި ޓްރަމްޕް ބައިވެރިވާނެތޯ ސުވާލު އުފެދިފައި ވަނިކޮށް ޓްރަމްޕް ކުރި ޓްވީޓެއްގައި ބުނީ ރައީސް ހުވާ ކުރަން ޖަނަވަރީ 20 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތުގައި އޭނާ ބައިވެރިނުވާނެ ކަމަށެވެ.

"ސުވާލު ކުރާ ހުރިހާ ފަރާތްތަކަށް ދަންނަވާލަން. ޖަނަވަރީ 20 ވަނަ ދުވަހު އޮންނަ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އަޅުގަނޑު ބައިވެރިއެއް ނުވާނަން." ޓްރަމްޕް ކުރި ޓްވީޓްގައި ބުނެފައި ވެއެވެ.

އެކަމާއި ގުޅިގެން ބައިޑެން ބުނެފައިވަނީ "އެއީ ރަނގަޅު ކަމެއް އަދި ރަނގަޅު ނިންމުމެއް" ކަމަށެވެ.
އެހެން ނަމަވެސް ނައިބު ރައީސް މައިކް ޕެންސް އަށް ޖަލްސާއަށް މަރުހަބާ ދަންނަވާނެ ކަމަށާއި ޖަލްސާއަށް ވަޑައިގަތުމަށް ބައިޑެން ވަނީ އެދިވަޑައިގެންފައެވެ.

އެމެރިކާގައި އަލަށް މަގާމާއި ހަވާލުވާ ރައީސުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އެހާތަނަށް ވެރިކަމުގައި ހުންނަވާ ރައީސް ބައިވެރިވެ ވަޑައިނުގަތުން އެއީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. ބައިޑެން އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި މަގާމާއި ހަވާލުވެ ވަޑައިގަންނަވާއިރު، އެ ގައުމުގައި ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތައް މިހާތަނަށް ވަޑައިނުގެންނެވީ އެމެރިކާގެ އެންމެ ތިން ރައީސުންނެވެ.

ބައިޑެން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ޓްރަމްޕް ބައިވެރި ނުވުމުން އޭނާ ވެގެން ދާނީ ފާއިތުވި 152 އަހަރު ތެރޭގައި ވެރިކަމުގައި ހުރެ، އާރައީސް މަގާމާއި ހަވާލުވާ ރަސްމިއްޔާތުގައި ބައިވެރިނުވާ ފުރަތަމަ ރައީސަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަހުތާނު އަހުމަދު

    އެވެސް ޓުރަމްޕަށްވާނީ ރެކޯޑެއްފުނޑުކޮށްލެވުނީކަމަށް!!