މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން 1135 މީހަކު މަރުވެއްޖެ އެވެ.

މިއީ އެ ގައުމުން ދެވަނަ އެންމެ ގިނަބަޔަކު ކޮވިޑް-19 ބަލީގައި މަރުވި ދުވަހެވެ. ޖެނުއަރީ ހަތް ވަނަ ދުވަހު އެ ގައުމުގައި ކޮވިޑް-19 ބަލީގައި 1165 މީހަކު ވަނީ މަރުވެފައެވެ.

މިއާއެކު އެ ގައުމުން ކޮވިޑް-19 ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 133,204 އަށް އަރާފައެވެ.

އެ ގައުމުން ފާއިތުވި 24 ގަޑިއިރު ތެރޭގައި 16,105 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 1,524,036 އަށް އަރާފައެވެ.

މެކްސިކޯއަކީ ކޮވިޑް-19ގެ ނުރައްކާ ވަރަށް ބޮޑުވެފައިވަ ގައުމެކެވެ. ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު ކޮވިޑް-19 އަށް ފައްސިވާ އެ ގައުމުގައި އެ ބަލީގައި މަރުވާ މީހުންގެ އަދަދުތައްވެސް ގިނަވަމުން ފާހަގަކޮށްލަން ޖެހެއެވެ.