ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމުގައި ބޭނުން ކުރާނެ އުއްމީދީ ދެބޭހެއް ފާހަގަ ކުރެވިފައިވާ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.

އިނގިރޭސިވިލާތުން ބުނެފައިވާ ގޮތުގައި މީގެ ތެރެއިން އެއްބޭހަކީ ޖަޕާނުން އުފައްދާފައިވާ ބޭހެކެވެ. ދެވަނަ ބޭހަކީ އިނގިރޭސިވިލާތުން އުފައްދާފައިވާ ބޭހެކެވެ. މިހާތަނަށް ކުރިއަށް ގެންދިޔަ ޓްރިއަލްތަކުން ކަށަވަރު ކުރެވިފައިވާ ގޮތުގައި މިދެބޭސް ދިނުމުން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު %24 ދަށްކޮށްދެއެވެ.

އުއްމީދީ ނަތީޖާތަކެއް ފެންނަމުން ދަނީ "ޓޮސިލިޒްމަބް" ނަމަކަށް ކިޔާ ބޭހަކުންނާއި "ސަރިލުމަބް" ނަމަކަށް ކިޔާ ބޭހަކުންނެވެ. މިދެބޭސް ދިނުމުން އައިސީޔޫގައި ފަރުވާ ދެމުންދާ ގިނަ މީހުންގެ ސިއްހަތު ވެސް އެންމެ 24 ގަޑިއިރުގެ ތެރޭގައި ރަނގަޅުވަމުން އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެއެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭން ޖެހޭ މުއްދަތު ހަތް ދުވަހާއި 10 ދުވަހާއި ދެމެދުގެ މުއްދަތަކަށް ކުރު ވެގެން ދެއެވެ.

ނަމަވެސް މިބޭސްތައް ކޮވިޑް-19 ބަލި މީހުންނަށް ދިނުމަށް ރަސްމީކޮށް އަދި އިނގިރޭސިވިލާތުގެ ޑޮކްޓަރުންނަށް އަންގާނީ އިތުރު ތަހްލީލްތައް ކުރުމަށް ފަހު ކަމަށް އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ދެމުން ގެންދިޔަ ނަމަވެސް ބަލި ޖެހިފައި ތިބި މީހުންނަށް ފަރުވާ ދިނުމަށް ބޭހެއްގެ މުހިއްމުކަން ވަނީ ވަރަށް ބޮޑުވެފައެވެ. ސަބަބަކީ ވެކްސިން ދިން ނަމަވެސް ކޮވިޑް-19 ޖެހިފައި ތިބި މީހުން ބަލިން ރަނގަޅު ކުރެވޭނެ ގޮތެއް މުހިއްމު ވާނެތީއެވެ. އެހެންކަމުން ސައިންސްވެރިން ގެންދަނީ މިހާރު ދުނިޔޭގައި ތަފާތު ބަލިތަކަށް ބޭނުން ކުރާ ބޭސްތައް ޓެސްޓްކޮށްގެން އެއިން ބޭހަކުން ކޮވިޑް-19 އިން ސަލާމަތް ވެވިދާނެތޯ ބަލަމުންނެވެ.

މިހާރު ހުރި ބޭސްތަކަކުން ކޮވިޑް-19 އަށް ފަރުވާއެއް ހޯދޭތޯ މަސައްކަތް ކުރާ ސަބަބަކީ އަލަށް ބޭހެއް އުފެއްދުން އެއީ އެތައް އަހަރެއް އެކަމަށް ހޭދަވާނެ ކަމަށް ވާތީއެވެ.