މެކްސިކޯ ރައީސް އޮފީހުގެ ތަރުޖަމާނު ހެސުސް ރަމިރެޒް ކުއެވާޒް ކޮވިޑް-19 ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

ރަމިރެޒް ފައްސިވެފައިވާކަން ހާމަކޮށް އަމިއްލަ ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓުވިޓުގައި ވިދާޅުވެފައިވަނީ ބައްޔަށް ފައްސިވި ނަމަވެސް ހާލު ރަނގަޅު ކަމަށާއި މިވަގުތުން ފެށިގެން ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރަމުން ގެންދަވަނީ އުސޫލުތަކަށް ބަލައިގެން ގޭގައި ހުންނަވައިގެން ކަމަށެވެ.

ކޮވިޑް-19 މިހާރު ފެނިފައިވާ ގައުމުތަކުން އަމަލު ކުރަމުން އަންނަ އުސޫލުތަކަށް ބަލާއިރު، މީހަކު ބައްޔަށް ފައްސިވެއްޖެނަމަ އޭނާ އާއި ކައިރިން ބައްދަލުވެފައިވާ މީހުންގެ ގާތުން އެއްތާވި މީހުން ހޯދައެވެ. މި މުއްދަތުގައި ގައުމުތަކުން އެކުލަވާލާފައިވާ އުސޫލުތަކަށް ބޯލަނބަން ޖެހޭނެއެވެ.

މެކްސިކޯއަކީ ދުނިޔެއިން 13 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފޢިވާ ގައުމެވެ. އެގޮތުން ބަލާއިރު، އިތުރު 10،003 މީހަކު މި ބައްޔަށް ފައްސިވެ ޖުމްލަ އަދަދު ވަނީ 1،534،039 އަށް އަރާފައެވެ. އަދި އިތުރު 502 މީހަކު މަރުވެ ޖުމްލަ މަރުވި މީހުންގެ އަދަދު ވަނީ 133،706 އަށް އަރާފައެވެ.

އެގައުމުން މިބަލި ޖެހިގެން 1,150,422 މީހަކު މިހާތަނަށް ރަނގަޅުވެފައިވާއިރު، ބައްޔަށް މި ވަގުތު ފަރުވާ ދެމުން އަންނަނީ 249،911 މީހަކަށެވެ. އޭގެ ތެރެއިން 3،913 މީހަކަށް ފަރުވާ ދެމުން އަންނަނީ ހާލު ދެރަވެގެން ނުވަތަ އައިސީޔޫގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.