މެލޭޝިއާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނާތީ އެގައުމުގެ ރަސްގެފާން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޤާނޫނު ހަދާ މަޖިލިސް ވެސް ސަސްޕެންޑްކޮށް ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

މެލޭޝިއާގެ ރަސްގެފާން އަލް-ސުލްޠާން އަބްދުﷲ މެލޭޝިއާގެ ހުރިހާ ސަރަހައްދެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރުއްވި ޤަރާރުގައި ވިދާޅުވީ މިހާރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ އޮގަސްޓް މަހުގެ 01 ވަނަ ދުަވަހާއި ހަމައަށެވެ. ނަމަވެސް ކޮވިޑް-19 ފެތުރުމަށް އަންނަ ބަދަލެއްގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތް މުއްދަތައް ބަދަލު އަތުވެދާނެ ކަމަށް މެލޭޝިއާ ސަރުކާރުން ބުނެއެވެ.

މެލޭޝިއާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި މިވަނީ އިއްޔެ ރަސްގެފާން ސުލްޠާން އަބްދުﷲ އާއި މެލޭޝިއާގެ ބޮޑުވަޒީރު މުހިއްދީން ޔާސީން ބައްދަލު ކުރައްވާ މަޝްވަރާ ކުރެއްވުމަށް ފަހުއެވެ. 45 މިނެޓަށް ދިގުދެމިގެން ދިޔަ ބައްދަލުވުމަށް ފަހު ބޮޑުވަޒީރު ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅުން މަޖުބޫރު ވެފައިވާ ފިޔަވަޅުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

ރަސްގެފާނާއި ބޮޑުވަޒީރު ނެރުއްވި ގުޅިފައިވާ ބަޔާނުގައި ވިދާޅުވީ މެލޭޝިއާ މިހާރު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. މިދިޔަ ހަފްތާގައި ވަނީ މެލޭޝިއާ އިން ދުވާލަކު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު 3000 އަށް ވުރެ ގިނަ ވެފައެވެ.

މާޗް މަހު މެލޭޝިއާ އިން ކޮވިޑް-19 ފެތުރެން ފެށުމުން އެޅި ފިޔަވަޅުތަކާއި އެކު އެގައުމުގައި ބަލި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވުނެވެ. ނަމަވެސް ސެޕްޓެމްބަރ މަހުން ފެށިގެން އަނެއްކާވެސް ހާލަތު ގޯސްވެ ކޮންމެ ދުވަހަކު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު