ކޮވިޑް-19 ޖެހިގެން އިއްޔެ ދުނިޔެ އިން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ. އިއްޔެ ވަނީ 15711 މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އެހެންކަމުން އިއްޔެ އަކީ މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވި ދުވަހެވެ.

އިއްޔެ ކޮވިޑް-19 އަށް 663,353 މީހުން ވަނީ ފައްސިވެފައެވެ. ކޮވިޑް-19 އަށް މިހާތަނަށް ފައްސިވި މީހުންގެ އަދަދު ވަނީ 92 މިލިއަނަށް އަރާފައެވެ. އޭގެތެރެއިން 1.9 މިލިއަން މީހުން ވަނީ މިބަލި ޖެހިގެން ނިޔާވެފައެވެ.

އިއްޔެ އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ ޔޫރަޕުންނެވެ. ޔޫރަޕުން 6,264 މީހުން ވަނީ މަރުވެފައެވެ. ޔޫރަޕުން އިއްޔެ 207,171 މީހަކު ފައްސިވިއެވެ. އިއްޔެ އެންމެ ގިނަ މީހުން ފައްސިވީ އުތުރު އެމެރިކާ ބައްރުންނެވެ. އުތުރު އެމެރިކާ އިން އިއްޔެ 246,074 މީހުން ފައްސިވެ، 5,226 މީހުން މަރުވިއެވެ. އޭޝިއާ އިން އިއްޔެ 83,158 މީހުން ފައްސިވެ 1,357 މީހުން މަރުވިއެވެ. ދެކުނު އެމެރިކާ އިން އިއްޔެ 100,987 މީހުން ފައްސިވެ 1,798 މީހުން މަރުވިއެވެ. އެފްރިކާ ބައްރުން އިއްޔެ 25,877 މީހުން ފައްސިވެ، 1,066 މީހުން މަރުވިއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދެދުވަހު މަދުވުމަށްފަހު އިއްޔެ އަނެއްކާވެސް ވަނީ އިތުރުވެފައެވެ. ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަދިވެސް އިތުރުވަމުން އަންނާތީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އަންނާނީ އިތުރުވަމުން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

މިހާރު ޔޫރަޕްގެ ގައުމުގައި ކޮވިޑް-19 ވެކްސިން ދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ސަބަބުންނާއި ބަލި ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެދެވޭ ނަތީޖާއެއް ފެނި ހާލަތައް ރަނގަޅު ބަދަލެއް އަންނަން އަދި އެންމެ އަވަސް ވެގެން ވެސް ދެތިން މަސްދުވަސް ހޭދަވެދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު