މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ އެވެ.

މިއީ އެގައެމުން އެއް ދުވަހެއްގެ ތެރޭގައި މިހާ ގިނަބަޔަކު މަރުވި ފުރަތަމަ ފަހަރެވެ. މެކްސިކޯގައި ކޮވިޑް-19 ފެތުރޭ މިންވަރުވެސް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

ދުނިޔޭގައި އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިފައިވާ 15 ގައުމުތަކުގެ ތެރޭގައި ހިމެނޭ މެކްސިކޯއިން ފާއިތުވި 24 ގަޑިއިރު ތެރޭގައި މަރުވި މީހުންނާއެކު އެ ގައުމުން ކޮވިޑް-19 ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 135,682 އަށް އަރާފައެވެ.

އެ ގައުމުގައި ފައިތުވެދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި ކޮވިޑް-19 ބަލީގައި މަރުވާ މީހުންގެ އަދަދުތައް އުޅެނީ 1000 އިން މަތީގައެވެ.

އެ ގައުމުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި 14,395 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1,556,028 އަށް އަރާފައެވެ. އަދި މިހާރު އެ ގައުމުގައި ކޮވިޑް-19 ޖެހިފައިވާ 251,992 މީހަކު އެބަ ތިބި ކަމަށް ރެކޯޑްތަކުން ދައްކައެވެ.