އަދިވެސް ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސްގެ ޝިކާރަ އަކަށްވެ ޕޮލޭންޑުން އިތުރު 481 މީހަކު މަރުވެއްޖެއެވެ.

ކޮވިޑް-19ގެ އަސަރު ދަށްވަމުން އަންނަނިކޮށް އިނގިރޭސިވިލާތުން ފެނުނު ވައިރަސްގެ ނުރައްކާތެރި އައު ވައްތަރާއި އެކު ޔޫރޮޕްގެ ގައުމުތަކުގައި އަނެއްކާވެސް ވައިރަސް ވަނީ ބޮއްސުންލާން ފަށާފައެވެ.

މިހާއިތަނަށް ޕޮލޭންޑުން 1،404،905 އަށް ވުރެން ގިނަ މީހުން ފައްސިވެފައިވާއިރު ވައިރަހުގެ ޝިކާރަ އަކަށްވެ 32،074 އަށް ވުރެން ގިނަ މީހުން ވަނީ މަރުވެފައެވެ.

އެގައުމުން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 674 މީހަކު ވަނީ މަރުވެފައެވެ. އަދި މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ކަމަށް ރިކޯޑް ކުރެވިފައިވަނީވެސް ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އެއީ 37،596 މީހެކެވެ.

ޕޮލޭންޑުގެ ހެލްތު މިނިސްޓްރީ އިން ހާމަ ކޮށްފައިވާ ގޮތުގައި މިހައިތަނަށް އެ ގައުމުގެ 90،000 ށް ވުރެން ގިނަ މީހުންނަށް ކޮވިޑް ވެކްސިން ވަނީ ދީފައެވެ. އޭގެ ތެރެއިން 38،000 މީހުންނަށް ވެކްސިން ޖަހާފައި ވަނީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކަމަށްވެސް އެ މިނިސްޓްރީ އިން ހާމަކޮށްފައި ވެއެވެ.

މިދިޔަ އަހަރުގެ މާރޗު މަހު އެ ގައުމުން ވައިރަސް ފެނުނު ފަހުން ޕޮލޭންޑުގެ ސަރުކާރުން ވައިރަސް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން އެންމެ ފަހުން އެޅި ވަރުގަދަ ފިޔަވަޅަކީ ޑިސެމްބަރު މަހުން ފެށިގެން މި މަހުގެ 17 އަށް މުޅި ގައުމު ކަރަންޓީނު ކުރުމެވެ.

މީގެ އިތުރުން ހުރިހާ ރެސްޓޯރެންޓުތަކާއި، ޒަރޫރީ ތަކެތި ވިއްކާ ފިހާރަތައް ނޫން އެހެން ހުރިހާ ފިހާރަތަކެއްވެސް ވަނީ ބަންދުކޮށްފައެވެ.

އިނގިރޭސިވިލާތުން ފެނުނު އައު ސްޓްރެއިން އާއި އެކު އެ ގައުމުވެސް މިހާރު ވަނީ ފުރަބަންދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު