އިނގިރޭސިވިލާތުން މިއަދު ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ. ދެންމެ އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ މިއަދު އެގައުމުން 1564 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައިވާ ކަމަށެވެ. އެހެންކަމުން މިއަދަކީ މިހާތަނަށް އިނގިރޭސިވިލާތުން އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވި ދުވަހެވެ.

މިއަދި އިނގިރޭސިވިލާތުން ކޮވިޑް-19 އަށް ފައްސިވީ 47525 މީހުންނެވެ. މިއަދު ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ގިނަވި ނަމަވެސް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ ސަރުކާރުގެ ރަސްމީ ތަފާސް ހިސާބުތަކަށް ބަލާއިރު މަދުވެފައެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ ކޮވިޑް-19 ކޮންޓްރޯލް ކުރަން އެގައުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު މަދުވަމުން އަންނަކަން ތަފާސް ހިސާބުތަކުން ފާހަގަ ކުރެވޭ ކަމަށެވެ. އިއްޔެ އެގައުމުން 62322 މީހުން ކޮވިޑް-19 އަށް ފައްސިވި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިންގްލެންޑްގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިވުމުން ބޮޑުވަޒީރު ބޮރިސް ޖޯންސަން އަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ. ނަމަވެސް މިއަދު ވެސް ޖޯންސަން ވިދާޅުވީ ބަލިން ސަލާމަތްވުމަށް އަދިވެސް ކެތްތެރިކަން އިސްކޮށް އާއްމުންގެ "ރަނގަޅު އަޙްލާޤެއްގައި ދެމިތިބެން އެބަޖެހޭ" ކަމަށެވެ.

އިނގިރޭސިވިލާތަކީ އެމެރިކާ ފިޔަވައި މިހާރު އެންމެ ބޮޑަށް ހާލަތު ގޯސްވެފައިވާ އެއްގައުމެވެ. އެގައުމުގެ ހޮސްޕިޓަލްތައް ފުރި ބަލި މީހުންނަށް ފަރުވާ ދިނުމުގައި ވަނީ ގޮންޖެހުންތައް ކުރިމަތިވެފައެވެ.

ބޮޑުވަޒީރު ޖޯންސަން ވިދާޅުވީ ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދަށަށް ދާން ފެށި ނަމަވެސް އަދިވެސް ހޮސްޕިޓަލްތަކަށް ލުއި ލިބެން ދުވަސްތަކެއް ނަގާނެ ކަމަށެވެ. މިހާރު ވެސް ހޮސްޕިޓަލްތައް ވަނީ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ތައްޔާރު ވެވެން އޮތް އެންމެ ފުރިހަމައަކަށް ތައްޔާރުވެފައި ކަމަށް ޖޯންސަން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު