ޗައިނާ އިން ކޮވިޑް-19 ޖެހިގެން މީހަކު މަރުނުވާތާ އަށް މަސް ދުވަސް ފަހުން ކޮވިޑް-19 ޖެހިގެން މީހަކު މަރުވެއްޖެއެވެ. ޗައިނާ އިން ވަނީ މެއި މަހުގެ ފަހުން ފުރަތަމަ ފަހަރަށް އެގައުމުން ކޮވިޑް-19 ބަލި މީހަކު މަރުވެއްޖެކަން މިއަދު ކަށަވަރު ކޮށްދީފައެވެ.

މިއަދު ޗައިނާ އިން ވަނީ ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެސް ވެފައެވެ. މިއަދު 138 މީހަކު އެގައުމުން ފައްސިވިއެވެ. މިއަދަކީ މާޗް މަހުގެ 05 ވަނަ ދުވަހަށް ފަހު އެގައުމުން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ވިދާޅުވީ މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 124 މީހުންނަކީ މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިގެން ކޮވިޑް-19 އަށް ފައްސިވި މީހުން ކަމަށެވެ. މީގެ ތެރެއިން 81 މީހަކު ފައްސިވެފައި ވަނީ ހުބެއި ޕްރޮވިންސުންނެވެ. 43 މީހަކު ފައްސިވެފައި ވަނީ ހެއިލޮންގްޖިއަންގް އިންނެވެ. ހެއިލޮންގްޖިއަންގް އިން ކޮވިޑް-19 ވޭދަނަތަކެއް ފެނުމުން އިއްޔެ އެސްޓޭޓްގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށް ކޮންމެހެން ސްޓޭޓުން ބޭރަށް ދާން ޖެހިގެން ނޫން ގޮތަކަށް ސްޓޭޓުން ބޭރަށް ނުދިއުމަށް އަންގާފައެވެ. ހެއިލޮންގްޖިއަންގްގެ އާބާދީ 37 މިލިއަނަށް އަރައެވެ.

ޗައިނާގެ ބައެއް ސަރަހައްދުތަކުން ކޮވިޑް-19 ފެތުރެމުން ދާތީ މިހާރު ވެސް 28 މިލިއަން މީހުން އެމީހުންގެ ގޭގައި ކަރަންޓީން ކޮށްފައި އެބަތިއްބެވެ.

ޗައިނާގައި މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ ޗައިނާގެ އާއަހަރު ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ފާހަގަ ކުރަން ތައްޔާރުވަމުން ދާތީއެވެ. އާއަހަރު ފާހަގަ ކުރުމާއި ދިމާކޮށް ޗައިނާ މީހުން އެއް ޕްރޮވިންސުން އަނެއް ޕްރޮވިންސަށް ދަތުރު ކުރުން އިތުރު ވާނެތީ ބަލި އިތުރަށް ފެތުރިގެން ދިއުމުގެ ބިރު ވަނީ ވަރަށް ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު