ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 570 މީހަކު މަރުވެއްޖެއެވެ.

ރަޝިއާއަކީ ދުނިޔެއިން ހަތަރު ވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ. އެ ގައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އުޅެނީ 20،000 އަށްވުރެ މަތީގައެވެ.

ކޮވިޑް-19ގެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެ ގައުމުގައި ކޮވިޑް-19 ޖެހިގެން ޖުމްލަ 63،940 މީހަކު ވަނީ މަރުވެފައެވެ. އެގައުމުން މިހާތަނަށް އެންމެ ގިނަ ބަޔަކު އެއްދުވަހެއްގެ ތެރޭ މަރުވެފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެއީ 635 މީހުންނެވެ.

އެގައުމުން އިތުރު 24،763 މީހަކު މި ބައްޔަށް ވަނީ ފައްސިވެފައެވެ. މިހާތަނަށް އެގައުމުން އެންމެ ގިނަ ބަޔަކު އެއްދުވަހެއްގެ ތެރޭގައި ފައްސިވެފައިވަނީވެސް އެމަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 29،935 މީހަކު ވަނީ ފައްސިވެފައެވެ.

އެ ގައުމުގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 3،495،816 އަށް އަރާފައެވެ.

ރަޝިއާގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު، އެ ބަލީގައި މަރުވާ މީހުންގެ އަދަދުތައް ހިފެހެއްޓުމެއް ނެތި ދަނީ މައްޗަށެވެ. އެ ގައުމުން މިހާރު ދަނީ ކޮވިޑް-19 ވެކްސިން ދިނުމަށް ބޮޑު ޕްރޮގްރާމެއް ފަށައިފައެވެ. އަދި އެ ގައުމުގެ ގިނަ ބަޔަކަށް ވެކްސިން ދޭން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް ވަނީ އަމުރު ކުރައްވާފައެވެ.

އެގައުމުން މިހާތަނަށް ބަލިނއ ރަނގަޅުވެފައިވަނީ 2،882،044 މީހެކެވެ. އަދި މިވަގުތު 549،832 މީހަކަށް ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން 2،300 މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް ރިޕޯޓްތަކުން ދައްކައެވެ.