ބްރެޒިލުން މިހާރު ފެނިގެން އުޅޭ ކޮވިޑް-19 ވައިރަސްގެ އާވޭރިއަންޓްގެ ސަބަބުން ކަންބޮޑުވުންތައް އިތުރުވެ އިނގިރޭސިވިލާތުން އިތުރު ފިޔަވަޅުތައް އަޅައިފިއެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 އާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ނިންމާ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ނިންމާފައި ވަނީ ދެކުނު އެމެރިކާ އިން އިނގިރޭސިވިލާތައް ކުރާ ދަތުރުތައް މާދަމާ އިން ފެށިގެން މަނާ ކުރުމަށެވެ. އަދި ޕޯޗްގަލް އަކީ ވެސް ބްރެޒިލާއި ދަތުރުފަތުރުގެ ގޮތުން ވަރަށް ބޮޑަށް ގުޅިފައި އޮތް ގައުމަކަށް ވުމުން ޕޯޗްގަލް އިން އިނގިރޭސިވިލާތައް މީހުން އެތެރެވުން މަނާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ ދެކުނު އެމެރިކާ ބައްރުންނާއި ޕޯޗްގަލް އިން އެގައުމަށް މީހުން އެތެރެވުން ވަގުތީ ގޮތުން މަނާކުރީ ބްރެޒިލުން ފެނިގެން އުޅޭ އާވޭރިންޓް ފެތުރުން ހުއްޓުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އިނގިރޭސިވިލާތައް މީހުން އެތެރެވުން މަނާކުރި ދެކުނު އެމެރިކާގެ ގައުމުތަކަކީ އާޖެންޓީނާ، ބްރެޒިލް، ބޮލީވިއާ، ކޭޕް ވާޑް، ޗިލީ، ކޮލަމްބިއާ، އިކްއެޑޯ، ފްރެންޗް ގާނާ، ގްޔާނާ، ޕެނަމާ، ޕެރަގްއޭ، ޕެރޫ، ސްރިނޭމް، އުރުގުއޭ އަދި ވެނެޒުއޭލާއެވެ.

"މިގައުމުތަކުން އިނގިރޭސިވިލާތައް ދަތުރު ކުރުން މަނާކުރި ނަމަވެސް އިނގިރޭސިވިލާތުގެ ރައްޔިތުންނާއި އައިރިޝް މީހުންނަށް އިނގިރޭސިވިލާތައް އެތެރެވެވޭނެ. އެމީހުން ޖެހޭނީ އިނގިރޭސިވިލާތައް އެތެރެވުމަށް ފަހު 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަން." އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް ސެކެޓްރީ ގްރާންޓް ޝެޕްސް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން މަނާކޮށްފައި ވަނީ އާއްމުން ވަކި ގައުމުތަކަކުން އެގައުމަށް އެތެރެވުމެވެ. އަދިވެސް އެގައުމުގެ މުދާ އިނގިރޭސިވިލާތައް އެތެރެ ކުރުމުގައި އެއްވެސް ހުރަހެއް ނެތެވެ. މުދާ އުފުލުމުގެ މަސައްކަތް ކުރާ މީހުންނަށް ވެސް އިނގިރޭސިވިލާތައް އެތެރެވެވޭނެއެވެ.

ބްރެޒިލުން ފެނިގެން އުޅޭ އާވައްތަރުގެ ކޮވިޑް-19 ނުވަތަ އާވޭރިއަންޓްގެ މާގިނަ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ. މިވޭރިއަންޓް މީގެ ކުރިން ވަނީ ޖަޕާނުންނާއި އިނގިރޭސިވިލާތުން ފެނިފައެވެ. އެދެގައުމުން ވެސް މިވޭރިއަންޓަށް ފައްސިވީ ބްރެޒިލުން އެގައުމުތަކަށް ދަތުރުކުރި ބައެކެވެ.

ފަހަކަށް އައިސް ފެނިފައިވާ ކޮވިޑް-19 ވޭރިއަންޓްތަކާއި ގުޅިގެން ދެކުނު އެފްރިކާ އާއި ޑެންމާކުން އިނގިރޭސިވިލާތައް މީހުން އެތެރެވުން ވެސް މީގެ ކުރިން ވަނީ މަނާކޮށްފައެވެ.