އިންޑޮނޭޝިއާގެ ސުލަވެސީ އައިލެންޑަށް ބާރުގަދަ ބިންހެލުމެއް އައިސް ގިނަބަޔަކު މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި 6.2 މެގްނެޓިއުޑްގައި އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން 24 މީހަކު މަރުވެފައިވާ ކަމުގެ ރިޕޯޓް މިހާތަނަށް ވަނީ ލިބިފައެވެ. ބިންހެލުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކަށް އަނިޔާވެ، ގިނަ އިމާރާތްތަކަކަށް ގެއްލުންތައް ލިބިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ބިންހެލުން އައި ސަރަހައްދުގެ ޑިޒާސްޓާ މިނިގޭޝަން އެޖެންސީން ވިދާޅުވީ އެޖެންސީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބިންހެލުމުގެ ސަބަބުން މަރުވެފައި ވަނީ ހަތަރު މީހުން ކަމަށާއި ޒަހަމްވެފައި ވަނީ 637 މީހުން ކަމަށެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އަދަދު އެއަށްވުރެ މާބޮޑަށް އިތުރެވެ.

ބިންހެލުން އައިސްފައި ވަނީ އިންޑޮނޭޝިއާ ގަޑިން މެންދަމު 01:00 ކަންހާއިރުއެވެ. ބިންހެލުމުގެ ސަބަބުން އިމާރާތްތައް ގާތްގަނޑަކަށް ހަތް ސިކުންތު ވަންދެން ހެލުވެމުން ދިޔަ ކަމަށް އެސަރަހައްދުގެ މީހުން މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ. ނަމަވެސް މިބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެއެވެ.

ބިންހެލުމުގެ ސަބަބުން ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ނުލިބުނު ނަމަވެސް ބިންހެލުން އައުމާއިއެކު ގިނަ ބަޔަކު ބިން އުސް ސަރަހައްދުތަކަށް ދަތުރު ކޮށްފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑޮނޭޝިއާ އަށް ވަނީ ތިން ބިންހެލުމެއް އައިސްފައެވެ.

އިންޑޮނޭޝިއާ އަކީ "ރިންގް އޮފް ފަޔާ" ގައި އޮންނަ ގައުމެއް ކަމުން އެގައުމަށް ބިންހެލުން އައުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް ގެއްލުން ބޮޑު ބިންހެލުމެއް އެގައުމަށް ނާންނަތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެއެވެ.