އިންޑިއާގައި ހަލުވިކަމާއިއެކު ދޫނި ރޯގާ ފެތުރެމުން ދާތީ އެގައުމުގެ ރައްޔިތުންގެ މެދުގައި ބިރުވެރިކަން ބޮޑުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޑިސެމްބަރު މަހުން ފެށިގެން އިންޑިއާގެ ދެކުނުގެ ސްޓޭޓްތަކުން ދޫނި ރޯގާ ޖެހިގެން އަސްދޫންޏާއި ގެރި އާއި ކުކުޅުގެ އިތުރުން އިތުރު ބައެއް ދޫނިތައް ވެސް މަރުވަމުން އަންނަ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ. އަދި ފާއިތުވި ހަފްތާއެއްހާ ދުވަހު މިގޮތައް މަރުވާ ދޫނީގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ދޫނި ރޯގާ ޖެހިގެން ދޫންޏާއި ޖަނަވާރު މަރުވަމުންދާ ނުވަ ސްޓޭޓެއް މިހާތަނަށް ވަނީ ފާހަގަ ކުރެވިފައެވެ. އޭގެތެރޭގައި ކެރެލާ ވެސް ހިމެނެއެވެ.

ދޫނި ރޯގާ އިންޑިއާގެ ޖަނަވަރާއި ދޫނީގެ ތެރޭގައި ފެތުރެމުން ދިޔަ ނަމަވެސް އަދި މިހާތަނަށް އެއްވެސް އިންސާނެއްގެ ގައިން ދޫނި ރޯގާ ފެނިފައެއް ނުވެއެވެ.

އިންޑިއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެގައުމުގައި މިހާރު ދޫނި ރޯގާ ފެތުރެމުން ދަނީ ހިޖުރަކުރާ ދޫނީގެ ސަބަބުން ކަމަށް ބެލެވެއެވެ. ޔޫރަޕްގެ ގައުމުތައް ކަމަށްވާ ފްރާންސް، އިނގިރޭސިވިލާތް އަދި ބެލްޖިއަމުން ވެސް ދާދިފަހުން ދޫނި ރޯގާ ފެނިފައިވެއެވެ.

އިންޑިއާގެ ސަރަހައްދީ ސަރުކާރުތަކުންނާއި އަދި މައި ސަރުކާރުން ވެސް މިހާރު ގެންދަނި މަރުވެފައިވާ ދޫނިތައް ދޫނި ރޯގާއަށް ޓެސްޓް ކުރުމުގެ މަސައްކަތް ވަރަށް ފުޅާދާއިރާއެއްގައި ކުރަމުންނެވެ. ދޫނި ރޯގާ ފެތުރެމުންދާ ސަރަހައްދުތަކުން ރޯގާ ޖެހިދާނެކަމަށް ބެލެވޭ ބާވަތްތަކުގެ ޖަނަވާރާއި ދޫނީގެ މަސް އަދި ބިސް ވިއްކުން ވެސް އަންނަނީ މަނާކުރަމުންނެވެ.

ދޫނި ރޯގާގެ އަސަރު ކޮށްފާނެތީ ކުކުޅުމާއި ގެރިމަސް އަދި ކުކުޅު ބިސް ފަދަ ތަކެތި ބޭނުންކުރާއިރު ރަނގަޅަށް ރޯފިލުވައިގެން ކެއުމަށް އިންޑިއާގެ ސިއްހީ މާހިރުން އިރުޝާދުދެއެވެ.

ދޫނި ރޯގާ ފެތުރެމުން ދާތީ އިންޑިއާގައި ރޯގާ ޖެހޭ ވައްތަރުގެ ދޫންޏާއި ބިހުގެ އަގު ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަކުތަބު

    ދޫނި ރޯގާ ޖެހުނީމަ ކިހިނެކޯ ވަނީ ؟ އެ ކޭމާ ކަރުން ދޫންޔެއްގެ އަޑު ނިކުންނަނީބާ؟؟؟

    3
    4