ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން މިއަދުވެސް އިތުރު 1280 މީހަކު މަރުވެއްޖެއެވެ.

މިއަދު އިނގިރޭސިވިލާތުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންނާއިއެކު އެގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 87295 އަށް އަރާފައި ކަމަށް ސަރުކާރުގެ ރަސްމީ ތަފާސް ހިސާބުތަކުން ދައްކައެވެ. ނަމަވެސް އެގައުމުގެ ނޭޝަނަލް ސްޓެޓިސްޓިކް އިން އާއްމުކުރާ ތަފާތު އެހެން ތަފާސް ހިސާބުތަކެއް ދައްކާގޮތުން ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން މަރުވި މީހުންގެ އަދަދު 102000 އަށް އަރައެވެ.

މިއަދު އިނގިރޭސިވިލާތުން ވަނީ 55761 މީހަކު ފައްސިވެފައެވެ. މިއަދަކީ ފާއިތުވި ހަދުވަސް ތެރޭގައި އިނގިރޭސިވިލާތުން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. އިނގިރޭސިވިލާތުން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 3.3 މިލިއަނަށް އަރައެވެ.

އިނގިރޭސިވިލާތުގައި އަދިވެސް ކޮވިޑް-19 ފެތުރުމަށް ބޮޑު މަޑުޖެހުމެއް އަންނަކަމަކަށް ތަފާސް ހިސާބުތަކަކުން ނުދައްކައެވެ. ނަމަވެސް ކޮވިޑް-19 ވެކްސިން ދޭ މީހުންގެ އަދަދު އެގައުމުގައި އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. މިރޭ އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖަނަވަރީ 14 ވަނަ ދުވަހާއި ހަމައަށް އިނގިރޭސިވިލާތުން ވަނީ 3,234,946 މީހުންނަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. އަދި 443,234 މީހުންނަށް މިހާރު ވަނީ ދެވަނަ ޑޯޒް ދީފައެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން އުއްމީދު ކުރަނީ ކޮވިޑް-19 ވެކްސިން ދިނުމަށް މިހާރު ކުރެވެމުންދާ މަސައްކަތައް ބަލާއިރު ވަރަށް އަވަހަށް އެގައުމުގައި މިހާރު އަޅާފައި އޮތް ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިތައް ދެވޭނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ހާލަތު ގޯސްވެގެން ގޮސްފައި ވަނީ ވައިރަސްގެ އާވޭރިއަންޓްތަކެއް އެގައުމުގައި ފެތުރެން ފެށުމުންނެވެ. މިވޭރިއަންޓްތަކުގެ ސަބަބުން މާފަސޭހައިން ކޮވިޑް-19 އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރައެވެ.