ޗައިނާގައި އައިސްކްރީމް ފޮށިތަކަކުން ކޮވިޑް-19 ވައިރަސް ފެނުމާއިއެކު އެގައުމުގެ ސިއްހަތާއި ބެހޭ އިދާރާ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޗައިނާގެ ހެލްތު ކައުންސިލުން ބުނީ 4836 އައިސްކްރީމް ފޮށިން ކޮވިޑް-19 ވައިރަސް ފެނިފައިވާ ކަމަށެވެ. މިހާރު މިފޮށިތައް ވަނީ ކަމާބެހޭ އިދާރާތަކުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް އިދާރާތަކަށް ފާހަގަ ނުކުރެވި ހުރި އައިސްކްރީމް ފޮށިތަކަކުން އިންސާނުންގެ ގަޔަށް ވައިރަސްގެ އަސަރު ކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ޗައިނާގެ ހެލްތު ކައުންސިލުން ބުނެއެވެ.

ކޮވިޑް-19 ވައިރަސް ފެނުނީ "ޓިއަންޖިން ޑަކިއަޑާއޯ ފުޑް ކޮމްޕެނީ" އިން އުފައްދާފައިވާ އައިސްކްރީމް ތަކެއް ބަންދުކޮށްފައި ހުރި ފޮށިތަކަކުންނެވެ. ވައިރަސް ފެނުނު އައިސްކްރީމްތައް ހިމެނޭ ބެޗްގެ 65 ފޮއްޓެއް ވަނީ ވިއްކާފައެވެ. އެހެންކަމުން މިހާރު ކަމާބެހޭ ފަރާތްތަކުން ދަނީ އެތަކެތި ގަތް މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

މިހާރު ވަނީ އައިސްކްރީމް އުފެއްދި ކުންފުނީގެ 1662 މުވައްޒަފުން އެކަހެރިކޮށް އެމީހުން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ. ޗައިނާ އިން ބުނީ މުވައްޒަފުން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ އިތުރުން އައިސްކްރީމް ފޮށިތަކަށް ވައިރަސްގެ އަސަރު ކުރިގޮތެއް ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އައިސްކްރީމް ފޮށިތަކުން ވައިރަސް ފެނުނީ ބަލި ޖެހިފައި ތިބި ބަޔަކު އައިސްކްރީމްތައް ބަންދު ކުރަން ނުވަތަ އައިސްކްރީމް އުފެއްދުމުގެ މަސައްކަތުގައި އުޅުމުން އެމީހުންގެ ސަބަބުން ކަމަށް ވުން ވެސް އެކަށީގެންވެއެވެ. ނަމަވެސް މިކަން މުޅިން ކަށަވަރު ވާނީ އިތުރު ތަހްލީލްތައް ކުރެވިގެންނެވެ.

ޗައިނާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ފާއިތުވި ދެތިން ދުވަހު ވަނީ އިތުރުވެފައެވެ. އިއްޔެ ވެސް އެގައުމުން 130 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލްޖިބްރާ

    މިޤައުމަށް ވަރަށް ގިނަ މުދާ އެތެރެ ކުރަނީ ޗައިނާއިން ! ވަރަށް ބޮޑަށް ބަލަން ވެއްޖެ މައްސަލައެއް !

    10
  2. ދިލް

    މިއިންމިއެގެނީ ފިނިކުރެވި ފައިވާ ކާއެއްޗެހީ ގައި ވައިރަސް ހުންނާނެ ކަން