އެމެރިކާގެ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، ކުށްވެރިން އަނބުރާ މުޖުތަމަޢު އަށް ނެރުމާއި ބެހޭ ގޮތުން ރިއަލިޓީ ޝޯވތަކުން މަޝްހޫރު ކަން ހޯދާފައިވާ ކިމް ކާޑޭޝިއަން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކިމް އަކީ މީގެ 21 އަހަރު ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލަށް ލާފައިވާ މިހާރު 62 އަހަރުގެ އަންހެނެއް ކަމަށްވާ އެލިކާ މާރީ ޖޯންސަން ޖަލުން ސަލާމަތް ކުރުމަށް ކެމްޕޭން ކުރަމުން ގެންދާ މީހެކެވެ. އެލިކާ ޖަލަށް ލާފައި ވަނީ ޕެރޯލްގެ ފުރުސަތު ނުލިބޭ ގޮތަށެވެ. އެހެންކަމުން އޭނާ ޖަލުން ނެރެވޭނެ ގޮތެއް އަދި ނެތެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކިމް ވައިޓް ހައުސް އަށް ކުރާ ޒިޔާރަތުގައި ޓްރަމްޕްގެ އިތުރުން ޖެރާޑް ކުޝްނާ އާއި އިވަންކާ ޓްރަމްޕް އާއި ބައްދަލުކޮށް ވެސް ޖަލުތައް އިސްލާހު ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ.

މިމަޝްވަރާތަކުގައި ޖަލުތައް އިސްލާހު ކުރުމަށް އެޅިދާނެ ފިޔަވަޅުތައް ކަމަށް ކިމް އަށް ފެންނަ ކަންކަން ހުށަހަޅާނެއެވެ.

ޓްރަމްޕްގެ ދަނބިދަރިފުޅު ކުޝްނާ އަކީ ޖަލުތައް އިސްލާހު ކުރުމުގެ މަސައްކަތް ޓްރަމްޕް ހަވާލުކޮށްފައިވާ އެންމެ އިސް މުޝީރެވެ. ކުޝްނާ މިހާރު ގެންދަނީ ޖަލުތައް އިސްލާހު ކުރުމަށް ބިލެއް އެކުލަވާލާ ކޮންގްރެސް އަށް ބިލް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.

ކުޝްނާގެ ބައްޕަ ވެސް ވަނީ ޓެކްސް އަށް މަކަރު ހެދި މައްސަލައެއްގައި 2005 ވަނަ އަހަރު ޖަލަށް ލާފައެވެ.

އެމެރިކާގެ ޖަލުތަކުގައި ޖާގައަށް ނުކަތާވަރަށް ކުށްވެރިން ގިވެފައި ވާތީ ޖަލަށް މީހުން ލުމުގެ އުސޫލާއި ކުށްވެރިން އަނބުރާ މުޖުތަމަޢަށް ނެރުމުގެ އުސޫލު އިސްލާހު ކުރުމަކީ އެމެރިކާގެ ވެރިކަމަށް އަންނަ ކޮންމެ ރައީސެއްގެ ވެސް ބޮލުގައި އެޅިފައި އޮންނަ ޒިންމާއަކަށް ވަނީ ވެފައެވެ. ނަމަވެސް އެއްވެސް ރައީސް އަކަށް މިކަމުގައި ކާމިޔާބެއް ހޯދޭ މަންޒަރެއް ނުފެއެވެ.