ކޮވިޑް-19 ޖެހިގެން މިއަދުވެސް އިނގިރޭސިވިލާތުން އިތުރު 1295 މީހަކު މަރުވެއްޖެއެވެ. މިއަދަކީ ފާއިތުވި ތިން ދުވަސް ތެރޭހައި ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އަދި މިހާތަނަށް ތިން ވަނައަށް އެންމެ ގިނަ މީހުން މަރުވި ދުވަހަކީވެސް މިއަދެވެ.

މިއަދު އިނގިރޭސިވިލާތުން 41346 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއަދަކީ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހަށް ފަހު އިނގިރޭސިވިލާތުން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

އިނގިރޭސިވިލާތަކީ މިހާރު ކޮވިޑް-19 ވެކްސިން ދިނުމުގެ މަސައްކަތް އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އަންނަ އެއްގައުމެވެ. އިއްޔެގެ ނިޔަލަށް އިނގިރޭސިވިލާތުން ޖުމްލަ ހަތަރު މިލިއަން މީހުންނަށް ވަނީ ކޮވިޑް-19 ވެކްސިން ދީފައެވެ. އޭގެތެރެއިން ހަތަރު ލައްކަ މީހުންނަކީ ދެޑޯޒްގެ ވެކްސިން ދީފައިވާ މީހުންނެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެންމެ ހަރުކަށި ފިޔަވަޅުތަކަށް އަމަލު ކުރަމުން އަންނަ އެއްގައުމަކީ ވެސް މިހާރު އިނގިރޭސިވިލާތެވެ. ހޯމަ ދުވަހުން ފެށިގެން އެގައުމަށް ކޮންމެ ގައުމަކުން މީހަކު އެތެރެވި ނަމަވެސް 10 ދުވަހު ކަރަންޓީންގައި ހުންނަން ޖެހޭނެއެވެ. އަދި އިނގިރޭސިވިލާތައް އެތެރެވުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓްކޮށް ނައްސި ނަތީޖާއެއް ވެސް އިމިގްރޭޝަނަށް ހުށަހަޅަން ޖެހޭނެއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނާ ގޮތުގައި ކޮވިޑް-19 ކޮންޓްރޯލް ކުރަން އެގައުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ އަސަރު މިހާރު ވަނީ ކޮންމެވެސް ވަރަކަށް ފެންނަން ފަށާފައެވެ.

ދެކުނު އެފްރިކާ އާއި ލެޓިން އެމެރިކާގެ ގައުމުތަކުންނާއި ޕޯޗްގަލް އިން އިނގިރޭސިވިލާތައް މީހުން އެތެރެވުން މިހާރު ވަނީ މަނާކޮށްފައެވެ. އެއީ ދެކުނު އެފްރިކާ އާއި ބްރެޒިލްގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އާވޭރިއަންޓް އިނގިރޭސިވިލާތުގައި ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު