ކޮވިޑް-19 އާއި ގުޅޭ މައުލޫމާތުތައް ދުނިޔެއަށް އެނގި، ބައްޔާއި ގުޅޭ މައުލޫމާތުތައް ލިބުމުގެ ހަފްތާތަކެއް ކުރިން ކޮވިޑް-19 ޖެހުމުން ފެންނަ ފަދަ އަލާމާތްތަކެއް ފެނި ޗައިނާގެ ވޫހާންގެ ލެބޯޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ބަލިވި ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ވައިރަސް އަކީ ޗައިނާގެ ވޫހާންގައި ހުންނަ ލެބޯޓްރީއަކުން "ލީކްވި" ވައިރަސްއެއް ކަމަށް މީގެ ކުރިން ވެސް އެމެރިކާ ސަރުކާރުން ބުނެފައި ވެއެވެ. ނަމަވެސް ޗައިނާ އިން ވަނީ ތަކުރާރުކޮށް އެތުހުމަތުތައް ދޮގުކޮށްފައެވެ. ޗައިނާ އިން ބުނާ ގޮތުގައި ކޮވިޑް-19 ވައިރަސް ފުރަތަމަ ދެނެގަތީ ޗައިނާ އިން ކަމުގައި ވީނަމަވެސް ބަލި ފުރަތަމަ ފެތުރިފައި ވަނީ ޗައިނާގައެއް ނޫނެވެ. ޗައިނާ އަށް ކޮވިޑް-19 އެތެރެވީ ޔޫރަޕުން ކަމަށް ޗައިނާ އިން ބުނެއެވެ.

ކޮވިޑް-19 ވައިރަސްގެ އަސްލު ގުޅިފައި އޮތީ ކޮން ގައުމަކާއިތޯ ކުރެވޭ ބަހުސްގެ ތެރެއަށް އަނެއްކާވެސް އެމެރިކާ އިން ވަދެ ޕޮމްޕިއޯ ވިދާޅުވީ ކޮވިޑް-19 ޖެހުމުން ފެންނަ ފަދަ އަލާމާތްތަކެއް ފެނުމަށްފަހު ވޫހާންގެ ލެބޯޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ބަލިވެފައި ވަނީ 2019 ވަނަ އަހަރު އޯޓަމް ހިސާބުގައެވެ. އެއީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ 22 އާއި ޑިސެމްބަރ 21 އާއި ދެމެދެވެ. ޕޮމްޕިއޯ ވިދާޅުވާ ގޮތުގައި މިމައުލޫމާތު އޭނާ އަށް ފޯރުކޮށްދީފައި ވަނީ އެމެރިކާގެ ޖާސޫސީ އިދާރާތަކުންނެވެ.

ޕޮމްޕިއޯ ވިދާޅުވާ ގޮތުގައި ސިއްރު އަސްކަރީ މަސައްކަތެއް ކުރުމަށް ވޫހާންގެ ލެބޯޓްރީގައި ސައިންސްވެރިން ވަނީ ކޮރޯނާވައިރަސް ހުރި ވާލެއް ވެސް ގެންގުޅެފައެވެ. ކޮވިޑް-19 އިންސާނުންގެ ގަޔަށް އެރީ އެވާލުގެ ސަބަބުން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މިހާރު ވަނީ ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ޗައިނާ އަށް ތަޖުރިބާކާރުންގެ ޓީމެއް ފޮނުވާފައެވެ. ނަމަވެސް އެޓީމަށް އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ޗައިނާ އިން ނުދޭކަމަށް ބުނެ ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވައިކިންގ

    ތިޔައީ ހުޅުމާލޭގަ ސެންޓްރަލް ޕާކުތެރޭ ބަޔަކު އުފެއްދި ވައިރަހެއް.

    7
    8
  2. ޗަންބީ

    2018 އިން ފެށިގެން އެމެރިކާގައިވެސް ނިއުމޯނިއާގެ އަލާމާތްތައް ފަދަ އަލާމާތްތައް ހުންނަ ބައްޔެއްގައި އެތައް ބަޔަކު މަރުވަމުންދިޔަ ކަން އެނގޭ. ބޭސް ފަރުވާ ކުރީ ނިއުމޯނިއާ ކަމަށް ބަލައިގެން. އަސްލު ބަލި ދަނެގަނެވިފައިނުވޭ. އެހެންވީމަ ގިނަ ބަޔަކު އެއްބަސްވަނީ އެެެއީ ކޮވިޑްގެ ފެށުންކަމަށް.

    13
    17
  3. ހިސްހިސްލޮލް

    އަނެއްކާވެސް ކޮންސްޕިރަސީ ތިޔަރީ ނެރެގެން ދުއްވަން ފެށީ. މިފަހަރު ކޮންކަމެއް އޮއްބާލަންބާ؟

    15
    10