ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާގައި އުފެއްދި ވެކްސިން އިމަޖެންސީ ހާލަތުގައި ޕާކިސްތާންގައި ބޭނުން ކުރުމުގެ ހުއްދަ ޑްރަގް ރެގިއުލޭޝަން އޮތޯރިޓީ އޮފް ޕާކިސްތާން (ޑީއާރުއޭޕީ) އިން ދީފިއެވެ.

އިންޑިއާގައި އުފެއްދި ވެކްސިން ޕާކިސްތާންގައި ބޭނުން ކުރުމުގެ ހުއްދަ އެ ގައުމުގެ ޑީއާރުއޭޕީން ދިން ނަމަވެސް އެ ވެކްސިން ސީދާ އިންޑިއާ އިން ލިބޭނެ މަގު ފަހިވެފައެއް ނެތެވެ. ސަބަބަކީ އިންޑިއާ އާއި ޕާކިސްތާންއާ ދެމެދުގައި އެފަދަ އެއްބަސްވުމެއް ގާއިމް ކުރެވިފައި ނެތުމެވެ. އިންޑިއާ އާއި ޕާކިސްތާނަކީ ޒަމާނުއްސުރެ، ދެ ހަތުރުންނެވެ. މިހާތަނަށް އައިއިރު، ދެ ގައުމުގެ ދެމެދު ސުލްހަމަސްލަސްކަން ގާއިމުވެފައެއް ނުވެއެވެ.

އެކަމަކު، ޕާކިސްތާނަށް ވެކްސިން ލިބެން އޮތް ހަމައެކަނި މަގަކީ ކޮވެކްސް މެދުވެރިކޮށެވެ. ކޮވެކްސް މެދުވެރިކޮށް ޕާކިސްތާންގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ކޮވިޑް-19 ވެކްސިން ހިލޭ ލިބޭނެ ކަމަށްވެއެވެ.

އިންޑިއާގައި އުފެއްދި ވެކްސިނަށް ހުއްދަ ދިން ކަން އެ ގައުމުގެ ސަރުކާރުގެ އިސްވެރިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ކޮވެކްސްއަކީ ދުނިޔޭގެ އެކި ގައުމުތަކަށް ވެކްސިން ފޯރުކޮށް ދިނުމަށް ގްލޯބަލް އެލަޔަންސް ފޯ ވެކްސިންސް އެންޑް އިމިއުނިސޭޝަން (ޖީއޭވީއައި) އިން އުފައްދާފައިވާ އިއްތިހާދެކެވެ. މި އިއްތިހާދު މެދުވެރިކޮށް ވަކި އަދަދަކަށް ވެކްސިން ހިލޭ ފޯރުކޮށްދެއެވެ.

އިންޑިއާއަކީ ދުނިޔެއިން ދެވަނަ އަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ގައުމެވެ. އެގޮތުން އިންޑިއާއިން މިހާތަނަށް 10 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ޕާކިސްތާނުން ކޮވިޑް-19 އަށް ފައްސިވީ ފަސް ލައްކަ އަށް ވުރެ ގިނަ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު