ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 481 މީހަކު މަރުވެއްޖެއެވެ.

ރަޝިއާއިން އިތުރު 481 މީހަކު މަރުވެފައިވާއިރު، ފާއިތުވި 3 ދުވަހުވެސް އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 400 އިން މަތީގައެވެ.

ރަޝިއާއަކީ ދުނިޔެއިން ހަތަރު ވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ. އެ ގައުމުގައި ކޮންމެ ދުވަހަކު ގޮތަކަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އުޅެނީ 20،000 އަށްވުރެ މަތީގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19ގެ ފަހުގެ ތަފާސްހިސާބުތައް ގެނެސްދޭ ގައުމީ އިދާރާއަކުން ނެރެފައިވާ ތަފާސްހިސާބުތަކުގައި ދައްކާގޮތުގައި އެގައުމުން ކޮވިޑް-19 ޖެހިގެން ޖުމްލަ 65,566 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް އެގައުމުން އެއްދުވަސް ތެރޭ އެންމެ ގިނަ މީހުން މަރުވެފައިވަނީ ޑިސެމްބަރު 24 ވަނަ ދުވައެވެ. އެދުވަހު އެގައުމުން 635 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

ފާއިތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު، އެ ގައުމުން 23,586 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެގައުމުން މިހާތަނަށް އެންމެ ގިނަ މީހުން އެއް ދުވަސްތެރޭގައި ފައްސިވެފައިވަނީވެސް މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 29،935 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

އެ ގައުމުގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 3,568,209 އަށް އަރާފައެވެ. އެގައުމުން މިހާތަނަށް 2,960,431 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ބަލި ޖެހިގެން ފަރުވާ ދެމުން އަންނަނީ 542,212 މީހަކަށެވެ.

ރަޝިއާގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު، އެ ބަލީގައި މަރުވާ މީހުންގެ އަދަދުތައް ހިފެހެއްޓުމެއް ނެތި ދަނީ މައްޗަށެވެ. އެ ގައުމުން މިހާރު ދަނީ ކޮވިޑް-19 ވެކްސިން ދިނުމަށް ބޮޑު ޕްރޮގްރާމެއް ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު