ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އޮމާނުން އެ ގައުމުގެ އެއްގަމު ހުރިހާ ބޯޑަރުތަކެއް އަނެއްކާވެސް ބަންދު ކުރާނެ ކަމަށް އެގައުމުން ހާމަ ކޮށްފިއެވެ.

އެގައުމުގެ މީޑީއާއަކުން ބުނެފައިވަނީ ބަލި ފެތުރެމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހަފްތާއެއްގެ މުއްދަތައް އެއްގަމު ހުރިހާ ބޯޑަރެއް ބަންދު ކުރާނެ ކަމަށެވެ. އޮމާންގެ ބޯޑަރުތައް ބަންދު ކުރުމަށް ނިންމަމުން އަންނަނީ މިވަގުތު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެނިފައިވާ ކޮވިޑް-19ގެ އާ ވައްތަރު އެގައުމުންވެސް ފެނިފައިވާތީއެވެ.

އެގައުމުން އެ ބަލި ޖެހިފައިވާ މީހަކު ފެނިފައިވާއިރު، އެގައުމުން ބުނެފައިވަނީ އޭނާ އަކީ އިނގިރޭސިވިލާތުން އައިސްފައިވާ މީހެއް ކަމަށެވެ.

އެގައުމުން ބުނެފައިވަނީ ހަފްތާއެއްގެ މުއްދަތަކަށް ބޯޑަރުތައް ބަންދު ކުރިނަމަވެސް، ހާލަތައް ބަލައި އެ މުއްދަތު އިތުރު ކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ސައިންސްވެރިންނާއި ބައެއް ތަޖުރިބާކާރުން ބުނެފައިވަނީ ކޮވިޑް-19ގެ އާ ވައްތަރަކީ ކުރިން ފެނުނު ވައިރަސްއަށްވުރެ މާ ނުބައި ނުރައްކާތެރި ވައިރަސްއެއް ކަމަށެވެ. އެހެންކަމުން އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުގެ މީހުންވެސް ވަނީ އާންމު ރައްޔިތުން އެކަމަށް ފަރުވާތެރިކަން ބަހައްޓައި ސަލާމަތީ ގޮތުން ކުރެވެން ހުރި ކަންކަން ކުރުމަށް އިލްތިމާސް ކޮށްފައެވެ.

ދުނިޔޭގެ 219 ގައުމަކާއި ސަރަހައްދެއް ހިމެނޭހެން މިހާތަނަށް ކޮވިޑް-19 ފެތުރިފައިވާއިރު، އޮމާންއަކީ 72 ވަނަ އަށް އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ ގައުމެވެ. އެގައުމުން އިތުރު 526 މީހަކު މި ބައްޔަށް ފައްސިވެ، މިވަގުތު ޖުމްލަ އަދަދު ވަނީ 131،507 އަށް އަރާފައެވެ. އަދި އެގައުމުން އިތުރު 3 މީހަކު މި ބަލި ޖެހިގެން މަރުވެ، ޖުމްލަ އަދަދު ވަނީ 1،512 އަށް އަރާފައެވެ.