އެމެރިކާގެ ރައީސް ޖޯ ބައިޑެން ހުވާކުރަން މިމަހުގެ 20 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ހަވާލުވެ ތިބި ސިފައިންނާއި ފުލުހުންގެ ފަރާތުން ވެސް ބައިޑެން އަށް ހަމަލާއެއް އަމާޒުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާގެ އޮފިޝަލުންނާއި ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނެފިއެވެ.

ބައިޑެން ރައީސް ކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަކީ އެމެރިކާގެ ރައީސަކު ހުވާކުރަން ބާއްވާ އެންމެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ރަސްމިއްޔާތައް ވާނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. ރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަމައެކަނި ނޭޝަނަލް ގާޑްގެ ވެސް 25000 ސިފައިން ހަރަކާތްތެރިވާނެއެވެ.

ނަން ހާމަކުރަން ބޭނުން ނުވާ އޮފިޝަލަކު ވިދާޅުވީ ބައިޑެން އިންތިޚާބު ކާމިޔާބު ކުރިގޮތާއިމެދު ރައީސް ޑޮނަލްޑް ޓްރަމްޕް ސުވާލު އުފައްދަމުން ގެންދާތީ ޓްރަމްޕްގެ ސަޕޯޓަރެއްގެ ހަމަލާއެއް އަމާޒުވެދާނެ ކަމަށް ސަލާމަތީ ބާރުތަކުން ލަފާކުރާ ކަމަށެވެ. "އެހަމަލާ ދެނީ އެތެރެއިން ކަމަށް ވުން ވެސް ގާތް. ބޭރުން މީހަކު އައިސް ހަމަލާއެއް ދެވުމުގެ ފުރުސަތު ވަރަށް ކުޑަ. އެއީ ވުމަށްވުރެ ނުވުން ކައިރި ކަމެއް." އޮފިޝަލް ވިދާޅުވިއެވެ.

އާމީ ސެކްރެޓަރީ ރަޔަން މެކާޓީ "އޭޕީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބައިޑެން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ހަމަލާއެއް ދީފާނެ ކަމުގެ ނުރައްކަލެއް މިވަގުތާއި ހަމައަށް ލިބިފައި ނެތް ކަމަށާއި ނަމަވެސް ދީފާނެ ހަމަލާއަކަށް ސަލާމަތީ ބާރުތައް އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށެވެ.

އެމެރިކާގެ ރައީސްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސީކްރެޓް ސާވިސްގައި ހިމެނޭ އޮފިސަރުންގެ ތެރެއިން ޓްރަމްޕްގެ އެންމެ އަރިހުގައި މަސައްކަތް ކުރި އޮފިސަރުންނަށް ބައިޑެންގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގައި ބައިވެރި ނުވެވޭނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ހަމަލާއެއް ދީފާނެ ކަމަށް ލަފާކުރެވޭ މީހުންގެ ލިސްޓްތަކެއް އެމެރިކާގެ ސަލާމަތީ ބާރުތަކުން އެކުލަވާލާފައި އޮންނަ ކަމަށް ވެއެވެ. އެލިސްޓްގައި ހިމެނޭ އެއްވެސް މީހަކު ވޮޝިންޓަން ޑީސީއަށް އެތެރެވެއްޖެނަމަ އެމެރިކާގެ ސަލާމަތީ ބާރުތަކުން އެމީހެއްގެ ކަންކަން ބަލާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުހައްމަދު

    ރަސްމިއްޔާތުގައި ހަމަނުޖެހުމެއް ހިގައިފިނަ މުޅި އެމެރިކާގެ ނަން ކިލަބުވެގެންދާނެއެވެ.

    25
    1
  2. ރެފްރީ

    ކަޅުނަސްލުގެސި ފައިންނާއި ފުލުހުންނެރޭ!! ދޮންމީހުންގެތެރޭގާ ގިނަވާނީ ޔަހޫދީންނާއި ހަސަދަވެރިންނާއި އަނިޔާވެރިން !! ވީމާ ސަލާމަތީބާރުތަކުގަތިބި ދޮންމީހުން އެދުވަހު ސަސްބެންޑުކޮށްލާ !! ރައްކާތެރިގޮތަކީއެއީ އަދި ސަލާމަތްކަންބޮޑީވެސްމިގޮތަށް!!

    12
  3. ރމޒ

    ތިމާ ފޭހުނު އިލޮށިގަނޑު ތިމާގެ ލޮލަށް ހެރޭނެކަމަށް ދިވެހި ބަހުގައި އޮވޭ ވިމާ އެމެރިކާވެސް އަދި އިނގިރޭސި ވިލާތް މިގާނޫނުން އިސްތިސްނާ ނުވޭ ފަހުން ނަމަވެސް އެކަމުގެ ހިތިކަމާ އެމީހުން ކުރިމަތިލާނެ އެޔަޤީން ކަމެއް!!!