ސްރީލަންކާގެ ބޯޑަރު މިމަހުގެ 21 ވަނަ ދުވަހު ހުޅުވާލާއިރު ދިވެހިންނާއި ސިންގަޕޫރު މީހުން އަދި ސީޝެލް މީހުންނަށް ވެސް އޮންއެރައިވަލް ވިސާ ނުލިބޭނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

ސްރީލަންކާ ސަރުކާރުން އާއްމުކޮށްފައިވާ މައުލޫމާތުތައް ބުނާ ގޮތުގައި އެގައުމަށް ދަތުރުކުރާ ހުރިހާ އެންމެން ވެސް ދަތުރު ކުރުމުގެ ކުރިން ވިސާ ނަގަން ޖެހޭނެއެވެ. މީގެ އިތުރުން ސްރީލަންކާއަށް އެތެރެވާއިރު 72 ގަޑިއިރު ހަމަނުވާ ކޮވިޑް-19 ނައްސި ޕީސީއާރް ޓެސްޓެއްގެ ނަތީޖާ ކޮންމެ މީހަކުގެ އަތުގައި ވެސް އޮންނަން ޖެހޭނެއެވެ.

ސްރީލަންކާއަށް އެތެރެވާ މީހުންގެ ތެރެއިން ހަމައެކަނި ކަރަންޓީން ވާން ޖެހޭނީ އިނގިރޭސިވިލާތުން އެގައުމަށް ދަތުރު ކުރާ މީހުންނެވެ. އިނގިރޭސިވިލާތުން ސްރީލަންކާ އަށް ދަތުރު ކުރާ މީހުން 14 ދުވަސް ވަންދެން ކަރަންޓީން ވާން ޖެހޭނެއެވެ. އެހެން އެއްވެސް ގައުމަކުން ދަތުރު ކުރާ މީހުން ކަރަންޓީން ވާކަށް ނުޖެހޭނެއެވެ. ނަމަވެސް ދުނިޔޭގެ ހާލަތައް އަންނަ ބަދަލެއްގެ ސަބަބުން އުސޫލުތަކަށް ބަދަލު އައިސްދާނެ ކަމަށް ސްރީލަންކާ ސަރުކާރުން ބުނެއެވެ.

ސްރީލަންކާއަށް އެތެރެވުމުގެ ކުރިން ހޮޓަލެއް ބުކް ކުރަން ޖެހޭނެއެވެ. ބުކް ކުރަން ޖެހޭނީ ސްރީލަންކާ ސަރުކާރުން ހާއްސަ ހުއްދައެއް ދީފައިވާ ހޮޓަލެކެވެ. އަދި ސްރީލަންކާއަށް ދަތުރު ކުރުމުގެ ކުރިން ހެލްތު އިންޝްއަރެންސް ކުރަން ޖެހޭނެއެވެ. ހެލްތު އިންޝްއަރެންސަށް 12 ޑޮލަރު ދެއްކުމުން އިންޝްއަރެންސްގެ ކަންކަން ހަމަޖެހޭނެއެވެ.

ސްރީލަންކާގެ ބޯޑަރު އަލުން ހުޅުވާލާއިރު ޓްރާންސިފް ފަސެންޖަރުންނަށް ވެސް ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް އެތެރެވެވޭނެއެވެ. ނަމަވެސް ޓްރާންސިޓް ފަސެންޖަރުންނަށް އެންމެ ގިނަވެގެން އެއާޕޯޓްގައި މަޑުކުރެވޭނީ 12 ގަޑިއިރު ވަންދެންނެވެ.

ސްރީލަންކާގެ އަައްސޭރިފަށުގެ ބައެއް ސަރަހައްދުތަކާއި ކޮލަމްބޯގެ ގިނަ ސަރަހައްދުތަކަކީ ވަރަށް ބޮޑަށް ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ ސަރަހައްދުތަކެއް ކަމަށްވުމުން ބޯޑަރު ބަންދުކޮށްފައި އޮންނަ މުއްދަތު ދިގުލައިގެން ދާތީ ސަރުކާރަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ.

ސްރީލަންކާގެ ބޯޑަރު ހުޅުވާލި ނަމަވެސް އެގައުމުގައި ކޮވިޑް-19 ހާލަތު ރަނގަޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    ތީދެން މީހުން ދާވަރުގެ ގައުމެއް؟

    4
    1
  2. ޅަބޭ

    ލަންކާއައް ނުދެވިގެން ދިވެހިން އުޅޭތަ އެބަ.... އަމައްޔާއި ދެން...