ކޮވިޑް-19 އިން ދިފާއުވުމަށް މޮޑާނާ އާއި ފައިޒާ އިން އުފެއްދި ވެކްސިންތަކަށް ޔޫރަޕްގެ އިއްތިހާދުގެ ރެގިއުލޭޝަން އޮތޯރިޓީން ހުއްދަ ދިން ނަމަވެސް އެދެވެކްސިންގެ ރައްކާތެރިކަމަށް ރެގިއުލޭޝަން އޮތޯރިޓީއަށް ވެސް މުޅިން އެއްބަސް ނުވެވޭކަމަށާއި އަދި ވެކްސިންތަކާއި ގުޅިގެން އެޖެންސީގެ ބޮޑެތި ކަންބޮޑުވުންތަކެއް ވެސް އެބަހުރި ކަމަށް ފްރާންސްގެ ނޫހެއް ކަމަށްވާ "ލި މޯންޑް" އިން ބުނެފިއެވެ.

"ލި މޯންޑް" އަށް ލިބިފައިވާ ހެކް ކޮށްގެން ހޯދާފައިވާ އީމެއިލްތަކެއްގައި ވަނީ އަވަސް އަރުވާލައިގެން މޮޑާނާ އާއި ފައިޒާގެ ވެކްސިނަށް ހުއްދަ ދިނުމުގައި ޔޫރަޕިއަން މެޑިސިންސް އެޖެންސީގެ އޮފިޝަލުންގެ ކަންބޮޑުވުންތައް ވަނީ ކަމާބެހޭ ފަރާތްތަކާއި ހިއްސާކޮށްފައެވެ.

ޔޫރަޕިއަން މެޑިސިންސް އެޖެންސީގެ ބައެއް އޮފިޝަލުން ވަނީ ހާއްސަ ޝަރުތުތަކެއް ކުރުމަށް ފަހު ވެކްސިންތަކަށް ހުއްދަ ދިނުމަށް ވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް ވެކްސިންތަކަށް ހުއްދަ ދިނީ އިތުރު ޝަރުތުތަކެއް ކުރިމަތިނުކޮށެވެ.

"ދެވެކްސިންގައި ވެސް މައްސަލަތަކެއް އެބަހުރި، މިކަމާއި އަދި ކުރިމަތިލާން ޖެހޭނެ." ލީކް ކޮށްލާފައިވާ އީމެއިލެއްގައި މެޑިސިން އެޖެންސީގެ އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.

ބައެއް އޮފިޝަލުން ވަނީ ވެކްސިންތައް އުފެއްދުމަށް ބޭނުން ކުރާ ފެކްޓްރީތައް އިނިސްޕެކްޓް ނުކޮށް ވެކްސިންތަކަށް ހުއްދަ ދޭން ނިންމުމުން އެކަމާވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. ގިނަ އޮފިޝަލުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ ވެކްސިންތަކަށް ހުއްދަ ދިނުމުގައި ވެކްސިން އުފެއްދި ކުންފުނިތަކުގެ ލިޔެކިޔުންތަކަށް މާބޮޑަށް ބަރޯސާވުމެވެ.

އީޔޫ އިން ފައިޒާގެ ވެކްސިނަށް ހުއްދަ ދިނީ ޑިސެމްބަރ މަހުގެ 21 ވަނަ ދުވަހު އެވެ. އަދި މޮޑާނާގެ ވެކްސިނަށް ހުއްދަ ދިނީ މިމަހުގެ ކުރީކޮޅުއެވެ. އެހުއްދަތަކުގެ ދަށުން ޔޫރަޕްގެ ގިނަ ގައުމުތަކުގައި މިހާރު ދަނީ އެދެކުންފުނީގެ ވެކްސިންތައް ވެސް ޖަހަމުންނެވެ.

ކޮވިޑް-19 އަށް އުފެއްދި ވެކްސިނަށް ހުއްދަ ދީފައި ވަނީ ދުނިޔޭގައި މިހާތަނަށް ވެކްސިންތަކަށް ހުއްދަ ދިނުމުގައި އަމަލު ކުރަމުން އަންނަ އުސޫލުތަކަށް ބަދަލުތައް ގެނެސް މުއްދަތުތައް ކުރުކުރުމަށް ފަހުއެވެ. ނަމަވެސް އެކަމުގެ ސަބަބުން ބޮޑު ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށް ވެކްސިން އުފައްދާ ކުންފުނިތަކުންނާއި ސިއްހީ ކަންކަން ބަލަހައްޓާ ރަސްމީ އިދާރާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު