ކޮވިޑް-19 ވައިރަސްއަށް ބަދަލުތަކެއް އައިސްފައިވާ އާވޭރިއަންޓެއް އެމެރިކާ އިން ފެނިއްޖެއެވެ.

އެމެރިކާގެ ސައިންސްވެރިންނާއި ހަވާލާދީ މީޑިއާތަކުން ބުނީ އާވައްތަރުގެ ކޮވިޑް-19 ފެނިފައި ވަނީ އެމެރިކާގެ ކެލިފޯނިއާ އިންކަމަށެވެ. މިއީ މީގެ ކުރިން އެމެރިކާ ފިޔަވައި އަދި އެއްވެސް ގައުމަކުން ފެނިފައި ނުވާވައްތަރެއްގެ ކޮވިޑް-19 އެކެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ކެލިފޯނިއާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ކޮންޓްރޯލެއް ނެތި އިތުރުވަމުން އަންނަނީ އާވައްތަރުގެ ކޮވިޑް-19 ކެލިފޯނިއާގައި ހަލުވިކޮށް ފެތުރެމުން އަންނާތީއެވެ. ނަމަވެސް އަދި މިވޭރިއަންޓްގެ ސަބަބުން ބަލި ފެތުރުން އަވަސްވި ނަމަވެސް ބަލި ޖެހޭ މީހުންގެ ނިސްބަތައް ބަލާއިރު ގިނަ ބަޔަކު މަރުވާކަން ކަށަވަރުކުރަން އިތުރު ދިރާސާތައް ބޭނުންވާ ކަމަށް ވެސް ސައިންސްވެރިން ބުނެއެވެ.

އިނގިރޭސިވިލާތުން ފެނިގެން އުޅޭ ކޮވިޑް-19 ވައިރަސްގެ އާވޭރިއަންޓް ވެސް އެމެރިކާގައި އަންނަނީ ފެތުރެމުންނެވެ. އެމެރިކާ ސަރުކާރުން ބުނާ ގޮތުގައި މިހާތަނަށް 18 ސްޓޭޓަކުން ވަނީ އިނގިރޭސިވިލާތުގެ ވޭރިއަންޓް ފެނިފައެވެ.

އެމެރިކާގެ އިންފެކްޝަސް ޑިސީސްގެ ތަޖުރިބާކާރު ޑރ.އެންތަނީ ފައުޗީ ވިދާޅުވީ އިނގިރޭސިވިލާތުގެ ވޭރިއަންޓް މިހާރު އެމެރިކާގައި ފެތުރެމުންދާ ނިސްބަތައް ބަލާއިރު އެމެރިކާގައި ހަމައެކަނި "އިނގިރޭސިވިލާތުގެ ވޭރިއަންޓް" އޮތް ގައުމަކަށް ނުވަތަ ފައްސިވާ ގިނަ މީހުންނަކީ އިނގިރޭސިވިލާތުގެ ވޭރިއަންޓްގެ މީހުންނަށްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ވައިރަސްއަށް ބަދަލުތައް އައުމަކީ އާކަމެއް ނޫނެވެ. ބައެއް ފަހަރު ވައިރަސް އަށް އަންނަ ބަދަލުތަކުގެ ސަބަބުން ވައިރަސްގެ ބާރު ދެރަވެ، ވައިރަސް ފެތުރުމަށް ހުރަސްވެސް އެޅެއެވެ. ކޮވިޑް-19 ވައިރަސް ވެސް ބަލިކަށިވާނެ ފަދަ ބަދަލެއް އައުމަކީ މިހާރު ސައިންސްވެރިންގެ އެންމެ ބޮޑު އުއްމީދެވެ. ނަމަވެސް އަދި ކޮވިޑް-19 ވައިރަސް އަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު ވައިރަސްއަށް ބަލިކަށިކަމެއް އައިސްފައިވާ ކަމަކަށް ނުބެލެވެއެވެ.

އެމެރިކާ އަކީ މިހާރު ވެސް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ. އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 24.4 މިލިއަނަށް އަރައެވެ. އޭގެތެރެއިން 407,346 މީހަކު ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު