ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިނގިރޭސިވިލާތުގެ ހާލަތު ރަނގަޅު ވަމުން އަންނަކަމުގެ ނިޝާންތައް ފެންނަން ފަށައިފިކަމަށް އެގައުމުގެ ސަރުކާރުން މިރޭ ބުނެފިއެވެ.

އިނގިރޭސިވިލާތުން މިއަދު ކޮވިޑް-19 ޖެހިގެން މަރުވީ 599 މީހުންނެވެ. އެގައުމުން މިއަދު ފައްސިވެފައި ވަނީ 37535 މީހުންނެވެ. މިއަދަކީ ފާއިތުވި ފަސް ދުވަސް ތެރޭގައި އެގައުމުން އެންމެ މަދުން މީހުން މަރުވި ދުވަހެވެ. އަދި ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހަށް ފަހު އެންމެ މަދުއަދަދެއްގެ މީހުން ފައްސިވީ ވެސް މިއަދު އެވެ. ފާއިތުވި ދެދުވަހު އިނގިރޭސިވިލާތުން ފައްސިވި މީހުންނާއި މަރުވި މީހުންގެ އަދަދު ވަނީ ދުވަހުން ދުވަހަށް ދަށަށް ގޮސްފައެވެ.

އިނގިރޭސިވިލާތުގެ ވެކްސިން މިނިސްޓަރ ނާދިމް ޒަހާވީ މިއަދު ވިދާޅުވީ ވެކްސިން ދިނުމުގައި ކަނޑައަޅާފައިވާ ޓާގެޓަށް ވާސިލްވުމަށް އިނގިރޭސިވިލާތުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ވެކްސިންގެ ސަޕްލައި ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ބޭނުންވާ އަދަދަށް ވެކްސިން ދިނުމަށް ހުރަސްތައް ކުރިމަތިވެފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުން މިހާތަނަށް ހަތަރު މިލިއަން ވެކްސިން ޑޯޒް ދީފައި ވީނަމަވެސް އަދި އެގައުމުގައި ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިތައް ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަން މިއަދު ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިތައް ދޭނީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދެވުމުން ކަމަށެވެ.

ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން ގިނަ ބަޔަކަށް މިހާރު ވެކްސިން ދެވިފައި ވާތީ މިއަދު އިނގިރޭސިވިލާތުން ވަނީ އުމުރުން 70 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    އަސްތާ ހާދަ އަވަހަކަށް!
    އެތަށް މިލިޔަން ބަޔަކަށް ކުރިމަތިވީ ކަމެއް މިހާރު ރަނގަޅުވާން ފެށީތޯއެވެ؟
    ތީ ވެހިލާފަހުއްޓާލަ ވަރޭގަނޑެއްފަދަ ކަމެއްތޯޢެވެ!؟