އެމެރިކާގެ ރައީސްކަމުގެ ހުވާ ޖޯ ބައިޑެން މާދަމާ ކުރައްވާއިރު ހުވާކުރުމުގެ ރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ނޭޝަނަލް ގާޑްގެ ސިފައިންގެ ތެރެއިން ދެސިފައިން ލަޝްކަރުން ބޭރުކޮށް ޒިންމާތަކުން ދުރުކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދެސިފައިން ލަޝްކަރުން ބޭރުކުރީ އެމީހުންނަކީ ހަތިޔާރު ބޭނުންކޮށް ހަމަލާ ދިނުމުގެ ހަރުކަށި ފިކުރު ގެންގުޅޭ ގްރޫޕަކީ ގުޅުން އޮންނަ ބައެއް ކަމުގެ މައުލޫމާތު ލިބުމުންނެވެ. އެމީހުންނާއި ގުޅުން އޮންނަ ގްރޫޕްގެ ސަބަބުން އެމީހުންގެ ފަރާތުން ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތުގައި ހަމަލާއެއް އަމާޒުވެދާނެ ކަމަށް އެފްބީއައި އިން ވަނީ ލަފާކޮށްފައެވެ.

ސިފައިންގެ އޮފިސަރަކާއި އެމެރިކާގެ އިންޓެލިޖެންސް އޮފިސަރަކު ވަނީ ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ނޭޝަނަލް ގާޑްގެ ލަޝްކަރުން ދެސިފައިން ބޭރުކުރިކަން އެމެރިކާގެ މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ. ދެސިފައިން ލަޝްކަރުން ބޭރުކުރި ނަމަވެސް އެމީހުން ބައިޑެން އަށް ހަމަލާއެއް ދޭން ރޭވިކަމުގެ އެއްވެސް ހެއްކެއް ނެތެވެ.

ބައިޑެން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ނޭޝަނަލް ގާޑްގެ 25000 ސިފައިން ހަރަކާތްތެރިވެއެވެ. އެފްބީއައި އިން ބުނެފައި ވަނީ އެހުރިހާ ސިފައިންގެ ފަތިފުއް ވަކިވަކިން ބަލައި، އޭގެތެރެއިން އެއްވެސް މީހެއްގެ ފަރާތުން ނުރައްކަލެއް ނެތްކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ނޭޝަނަލް ގާޑްގެ ޗީފް ޖެނެރަލް ޑެނިއެލް ހޮކެންސަން މިއަދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބައިޑެން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ހާއްސަކޮށްފައިވާ 25000 ސިފައިންގެ ތެރެއިން އެއްވެސް މީހަކު ރަސްމިއްޔާތުގެ ތެރޭގައި ހަމަލާއެއް ދީފާނެ ކަމުގެ ބިރެއް ނެތް ކަމަށެވެ.

ބައިޑެން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ވޮޝިންޓަން ޑީސީގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައި ވާއިރު ޕެންޓަގަން އިން މިހާރު ވަނީ ކެމިކަލް، ބައިލޮޖިކަލް، ނިއުކްލިއާ، ރެޑިއޮލޮޖިކަލް އަދި ގޮވާޒާތުގެ އެއްޗެހި ދެނެގަނެ، އެފަދަ ތަކެތި ގޮވުން ހުއްޓުވުމުގެ ތަޖުރިބާ ލިބިފައިވާ 750 ސިފައިން އަބަދުވެސް ވޮޝިންޓަން ޑީސީގައި ތައްޔާރީ ހާލަތުގައި ތިބޭނެ ކަމަށް ބުނެފައެވެ.

ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ސަޕޯޓް ކުރާ ހަރުކަށި ފިކުރުގެ މީހުންގެ ހަމަލާއެއް ބައިޑެން އަށް އަމާޒުވެދާނެ ކަމުގެ ބިރު ވަރަށް ބޮޑުވެފައި ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރެފްރީ

    ބައިޑެން ހުވާ ކުރުމުގެރަސްމިއްޔާތު އޮންލައިން ކޮށްބޭއްވުމަށް ލަފާއަރުވަން !!

  2. ބާބީ

    73 މިލިޔަން ރައްޔިތުންގެ ތާއީދު ޓްރަމްޕަށް އެބައޮތް. ރާއްޖޭގައި 2018 ވަނައަހަރުގެ ރިޔާސީ އިންތިޚާބު އޮޅުވާލާ ފޭރިގަތްގޮތަށް އެމެރިކާގެ 2020 ގެ އިންތިޚާބު އެއޮތީ ވަގަށްނަގައި ފޭރިގެންފަ! މިހާވަރުން ބައިޑެން އެ އުޅެނީ އެކަން އޭނަ ދެނަހުރީތީ!

    6
    5