ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން މަރުވާ މީހުންގެ އަދަދު ފާއިތުވި ދެދުވަހު ދަށަށް ދިއުމަށް ފަހު މިއަދު ރެކޯޑް އަދަދެއްގެ މީހުން މަރުވި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. 1610 މީހަކު ކޮވިޑް ޖެހިގެން މިއަދު މަރުވިމަމަށް ވަނީ ރަޖިސްޓްރީ ކޮށްފައެވެ. މިއަދަކީ ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން އެންމެ ގިނަ މީހުން މަރުވި ކަމަށް ރަޖިސްޓްރީ ކުރި ދުވަހެވެ.

ނަމަވެސް މިއަދު މަރުވި ކަމަށް ރެކޯޑް ކޮށްފައިވާ އެންމެންނަކީ މިއަދު މަރުވި މީހުންނެއް ނޫނެވެ. މީގެތެރޭގައި މީގެ ކުރިން މަރުވި ނަމަވެސް މަރުގެ ސެޓްފިކެޓް ނުލިބޭތީ މަރުވި ސަބަބު ކުރިން ރަޖިސްޓްރީ ނުކުރެވި ތިބި މީހުން ވެސް ހިމެނެއެވެ.

މިއަދު ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު އިތުރުވި ނަމަވެސް ފައްސިވި މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ. މިއަދު އިނގިރޭސިވިލާތުން ފައްސިވީ 33355 މީހުންނެވެ. މިއަދަކީ އިނގިރޭސިވިލާތުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ޖެހިޖެހިގެން ދަށަށް ދިޔަ ހަތަރު ވަނަ ދުވަހެވެ. އަދި ޑިސެމްބަރ މަހުގެ 28 ވަނަ ދުވަހަށް ފަހު އެންމެ މަދު އަދަދެއްގެ މީހުން ފައްސިވި ދުވަހަކީވެސް މިއަދެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނާ ގޮތުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަދިވެސް ވަރަށް މަތީގައި ހުރުމުން އަދިވެސް ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދާނެކަމަށް ބެލެވެއެވެ.

އިނގިރޭސިވިލާތުގައި ކުރިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ދެނެގަތުމަށް އޮކްސްފޯޑް ޔުނިވަސިޓީ އާއި މެންޗެސްޓާ ޔުނިވަސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ސާވޭއެއްގެ ނަތީޖާ މިއަދު ވަނީ އާއްމުކޮށްފައެވެ. އެސާވޭގެ ނަތީޖާ ދައްކާ ގޮތުގައި ގާތްގަނޑަކަށް އިނގިރޭސިވިލާތުގެ 5.4 މިލިއަން މީހުންނަށް ވަނީ ކޮވިޑް-19 ޖެހި ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު