އިސްރާއީލްގެ ވެރިރަށަކީ ގުދުސް ކަމަށް އިސްރާއީލުން ބުނާ ބުނުން ތަންފީޒު ކުރުމުގައި މިއަދު އެމެރިކާގެ ވެރިކަމާއި ހަވާލުވާ ޖޯ ބައިޑެން ވެސް ދެމިހުންނަވާނެ ކަމަށާއި ބައިޑެންގެ ސިޔާސަތަކީ ވެސް އިސްރާއީލްގެ ވެރިރަށަކަށް ގުދުސް ހެދުން ކަމަށް ބައިޑެންގެ ސަރުކާރުގައި ސެކްރެޓަރީ އޮފް ސްޓޭޓް ނުވަތަ ހާރިޖީ ވަޒީރުގެ މަގާމާއި ހަވާލުވާނެ އެންތަނީ ބްލިންކެން ވިދާޅުވެއްޖެއެވެ.

ބްލިންކެން މިހެން ވިދާޅުވީ އޭނާ ވަޒީރު ކަމަށް އައްޔަން ކުރައްވަން ނިންމަވާފައި ވާތީ ސެނެޓުން އޭނާއަށް ރުހުން ދިނުމުގެ ކުރިން ސެނެޓްގެ ކޮމެޓީއަކަށް ހާޒިރުކޮށް ސުވާލު ކުރުމުންނެވެ.

އިސްރާއީލްގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރަން ޓްރަމްޕް ނިންމި ނިންމުމަށް ބަދަލެއް ގެނައުމުގެ ވިސްނުން ބައިޑެން ނުގެންގުޅުއްވާ ކަމަށް ވެސް ބްލިންކެން ވިދާޅުވިއެވެ.

ކޮމެޓީގައި މެންބަރަކު ބްލިންކެން އާއި ސުވާލު ކުރީ އިސްރާއީލްގެ ވެރިރަށަކީ ގުދުސް ކަމަށް ބައިޑެންގެ ސަރުކާރުން ގަބޫލު ކުރާނަންތޯ އެވެ. ޖަވާބުގައި އޭނާ ވިދާޅުވީ އާނއެކޭއެވެ. ދެން މެންބަރަކު ސުވާލު ކުރެއްވީ އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލުކުރި ކުރުން ބައިޑެންގެ ސަރުކާރުން ދަމަހައްޓާނަންތޯއެވެ. ޖަވާބުގައި ބްލިންކެން ވިދާޅުވީ އާނއެކޭއެވެ.

ބްލިންކެން ވިދާޅުވީ އިސްރާއީލްގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް ބައިޑެންގެ ސަރުކާރަކުން ނުކުރާނެއެވެ.

ނަމަވެސް އިސްރާއީލާއި ފަލަސްތީންގެ މައްސަލައަށް އޮތް ހައްލަކީ މިނިވަން ދެދައުލަތް އުފެއްދުން ކަމަށް އެމެރިކާ އިން އަބަދުވެސް ބުނަމުން އަންނަ ބުނުން ބްލިންކެން ވެސް ވަނީ ތަކުރާރު ކުރައްވާފައެވެ.

އިސްރާއީލްގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރަން ޓްރަމްޕް ނިންމި ނިންމުމަކީ ފަހަކަށް އައިސް އިސްރާއީލާއި ފަލަސްތީންގެ ސުލްހައިގެ މަސައްކަތައް އެޅުނު އެންމެ ބޮޑު ހުރަހެވެ. ޓްރަމްޕްގެ ވެރިކަން ނިމިގެން މިދަނީ އަރަބި ގައުމުތަކާއި އިސްރާއީލްގެ ގުޅުން ބަދަހި ކުރުމަށް އެމެރިކާ އިން މުހިއްމު ދައުރެއް އަދާކޮށް ބައެއް ގައުމުތަކާއި ގުޅުން ގާއިމު ކުރި ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅޮލް

    ބައިޑެން ނިންމިޔަސް 1.3 ބިލިއަން މުސްލިމުން ތިޔަކަމެއް ބަލައެއް ނުގަންނާނެ.

    37
    1
  2. އަލްޖިބްރާ

    އެމެރިކާގެ ނިންމުން ކޮންމެގޮތަކަށް ނިންމިއަސް ﷲސުބްޙާނަޙޫ ވަތަޢާލާގެ ނިޔާފުޅު އެމީހުނަށް ބަދަލެއް ނުކުރެވޭނެ !

    14