އެތައް މަހެއް ވަންދެން މީޑިޔާއަށް ގެއްލި އަދި އެއްވެސް ގޮތަކަށް ނުފެނި ހުރުމަށްފަހު ޗައިނާގެ ބިލިއަނަރު ޖެކް މާ ފެނިއްޖެ އެވެ. އަލިބާބާގެ ފައުންޑާ އަދި އެންޓްގެ ވެސް ހިއްސާ އޮންނަ ޖެކް މާ ގެއްލުނީ ޗައިނާ ސަރުކާރުން ވިޔަފާރިވެރިންނާއި ދޭތެރޭ ގެންގުޅޭ އުސޫލާއި ހިންހަމަނުޖެހި ދެއްކި ވާހަކަ ތަކަކަށް ފަހުގައި އެވެ.

ބިލިއަނަރު ޖެކް މާ ކޮންމެ އަހަރަކުވެސް އެ ޤައުމުގެ ޓީޗަރުންގެ އަގު ވަޒަންކުރުމަށް ބާއްވާ ހަފްލާގައި މި އަހަރު ޓީޗަރުންނާއި މުހާތަބުކޮށް ލައިވްސްޓްރީމް މެދުމެރިކޮށް ވަނީ ވާހަކަ ދައްކާފައި އެވެ.

ކިޔަވައިދިނުމުގެ ދާއިރާގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކޮށްފައިވާ ޖެކް މާ އަކީ ކުރީގައި އިނގިރޭސި ކިޔަވައިދިނުމުގައި އުޅުއްވި ޓީޗަރެކެވެ. ވިޔަފާރީގެ ދާއިރާގައިވެސް ޗައިނާގައި އެންމެ އުހުގައި ޖެކް މާ ފާހަގަ ކުރެވޭއިރު އެންޓް ކުންފުނީގެ ތިންބައިކުޅަ އެއްބައި ހިއްސާ އޮތީ ޖެކް މާ އަށެވެ.

ޖެކް މާ ގެއްލުމާއި ގުޅިގެން އެކި ފަރާތްތަކުން އެކި ވާހަކަތައް ދައްކާފައިވާއިރު އޭގެ ތެރެއިން ބައެއް ފަރާތްތަކުން ބުނަމުން ގެންދިޔައީ ޗައިނާ ސަރުކާރާއި ދިމާއަށް ބަހެއް ބުނެފި މީހަކު ދިރިހުއްޓައި ފެނުން ނާދިރު ކަމަށާއި މީގެ ކުރީންވެސް ޗައިނާގެ ބިލިއަނަރުންނަށް މިފަދަ ކަންކަން ދިމާވެފައިވާ ކަމަށެވެ.

ޖެކް މާ ގެއްލުނު ކަން ފުރަތަމަ މީޑިޔާއަށް އެނގުނީ އެފްރިކާސް ބިޒްނަސް ހީރޯޒް ގެ ނަމުގައި ޖެކް މާ ހިންގަވާ ޓެލެންޓް ޝޯގެ ފައިނަލް އެޕިސޯޑަށް ވަޑައިނުގަތުމުންނެވެ. މި ޝޯގައި ޖެކް މާ އަކީ ފައިނަލް އެޕިސޯޑްގެ ޖަޖެކެވެ.