ނިމިގެން ދިޔަ ހަތަރު އަހަރަކީ ވަރަށް ވެސް ކާމިޔާބު، ގިނަ ކަންކަން ހާސިލު ކުރެވިގެން ދިޔަ އަހަރުތަކެއް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް އެގޮތަށް ބުނެފައިވަނީ އޭނާގެ ވެރިކަމުގައި ދިން ވަދާއީ ހިތޯބުގައެވެ. އެ ހިތޯބުގައި އޭނާ ވަނީ ވެރިކަން ލިބުނު ހިސާބުން ފެށިގެން މިއަދާ ހަމައަށް އޭނާއަށް ތާއިދު ކުރި ހުރިހާ އެންމެންނަށް ޝުކުރު އަދާ ކޮށްފައެވެ.

"އަޅުގަނޑާ އެކީ އަބަދުވެސް ތިބި އަޅުގަނޑުގެ އާއިލާ، ރައްޓެހިން އަދި އެއްކޮށް މަސައްކަތް ކުރަމުން އައި އޮފީހުގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާ ކޮށްލަން ބޭނުން. އެންމެން ކުރި ހިތްވަރަށާއި ކުރި ބުރަ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން" ޓްރަމްޕް ބުންޏެވެ.

އޭނާ ބުނީ، އެންމެންގެ ބުރަ މަސައްކަތުން ވެރިކަމުގައި ހޭދަވި އަހަރުތަކުގައި ވަރަށް ވެސް ގިނަ ކަންކަން ހާސިލުވެފައިވާ ކަމަށާއި ފަސްޓްލޭޑީ މެލީނާ ޓްރަމްޕަކީ ވަރަށް އަހުލާގު ރަނގަޅު، ރީތި މީހުންނަށް އިހުތިރާމް ކުރަން ދަންނަ މީހެއް ކަމަށެވެ. އަދި މެލީނާ ބުނެފައިވަނީ ޓްރަމްޕްގެ ފަސްޓް ލޭޑީ އަށް ވުމުގެ ފުރުސަތު ލިބުން އެއީ މިހާތަނަށް އޭނާ އަށް ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށެވެ.

ޓްރަމްޕް ބުނެފައިވަނީ އޭނާ ގިނަ ވަޒީފާތަކެއްގެ ފުރުސަތު ހުޅުއްވައި ދެއްވި ކަމަށާއި ދުނިޔެއަށް ދިމާވި ކޮވިޑް-19ގެ ހާލަތުން ނެތް ނަމަ، އެ ފުރުސަތު ލިބޭނެ މީހުން ވަރަށްވެސް ގިނަ ވާނެ ކަމަށެވެ.

"ކޮވިޑް-19 ނުފެނުނު ނަމަ، އަޅުގަނޑުމެން ފެށި ކަމުގެ އަދަދުތައް ލޮލަށް ނުފެންނާނެ. އަޅުގަނޑުގެ ނިމިގެން ދިޔައީ ވަރަށް ވެސް ކާމިޔާބު ހަތަރު އަހަރު. ވަރަށް ގިނަ ކަންކަން އަޅުގަނޑުމުން ވާނީ ހާސިލް ކޮށްފައި" ޓްރަމްޕް ބުންޏެވެ.

ޓްރަމްޕްގެ މި ވަދާއީ ހިތޯބުގައި އޭނާ ވަނީ އެމެރިކާގެ ވެރިކަމުގެ ދައުރު ނިންމާލުމަށްފަހު ރައީސް ކަމުގެ މަގާމުން ދުރަށް ދަނީ ހަނގުރާމައެއް ނުފަށާ ފުރަތަމަ ރައީސެއްގެ ގޮތުގައި ކަމަށްބުނެ ފަހުރުވެރިވާ ކަމަށްވެސް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު