ކޮވިޑް-19 ހަލުވި ކަމާއެކީ ފެތުރެމުން އަންނަ އެމެރިކާގައި މާސްކު އެޅުން މަޖޫބޫރު ކޮށްފިއެވެ.

އެ ގައުމުގެ މާސްކު އެޅުން މަޖުބޫރުކޮށްފައި ވަނީ އެ ގައުމުގައި އަލަށް ރައީސް ކަމާ ހަވާލުވުވަޑައިގެންނެވި ޖޯ ބައިޑެންނެވެ.

ސަރުކާރު މުއައްސަސާތަކުގެ މީހުން މާސްކު އެޅުން މަޖުބޫރު ކޮށްފައިވާ އިރު، މިއީ މީގެ ކުރިން ސިއްހީ މާހިރުން ވިދާޅުވެގެން ވެސް އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހެދި ކަމެކެވެ. ޓްރަމްޕް އަކީ ކޮވިޑް-19 ފެތުރެން ފެށުމާއެކީ މާސްކު އަޅަން ދެކޮޅު ހަދާފައިވާ މީހެކެވެ.

އަދި އާންމު ރައްޔިތުންނަށްވެސް ފެންނާނެހެން ޓްރަމްޕް ވަނީ މާސްކު ނާޅައި ބޭރުގައި އުޅެފައެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެކަމާއި ހިތް ހަމަ ނުޖެހުން ފާޅުކޮށްފައެވެ. ޓްރަމްޕް ގޮތް ދޫނުކޮށް އުޅެނިކޮށް އޭނާ އަށް ކޮވިޑް-19 ވެސް ޖެހިފައިވެއެވެ.

އެންމެ ބޮޑު އިސްކަމެއްގެ ގޮތުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ނިންމަވައިގެން ހުރެ ބައިޑެން ވިދާޅުވެފައިވަނީ ކުރިއަށް އޮތް 100 ދުވަހުގައި މާސްކު އަޅަން ޖެހޭ ކަމަށާއި އަދި ހާއްސަ ގޮތެއްގައި ސަރުކާރުގެ މުއައްސަސާތަކުގެ މީހުން މާސްކު އެޅުން މަޖުބޫރު ވާނެ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދުރުކަން ބަހައްޓަން ޖެހޭނެ ކަމަށްވެސް ބައިޑެން ވަނީ ވިދާޅުވެފައެވެ.

ބައިޑެން ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު އަންނަނީ ކޮވިޑް-19 އިން އަރައިގަތުމާއި އިގުތިސޯދާއި ގުޅުން ހުރި ކަންކަން ކައިރިން ބައްލަވަމުންނެވެ. އެގޮތުން ބައިޑެން ވަނީ މީގެ ކުރިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އާއި ގުޅުން ކަނޑާލަން ޓްރަމްޕް ނިންމި ނިންމުމަށްވެސް އަމަލު ކުރުން މަޑުޖެއްސުމަށް އަމުރެއްގައި ސޮއިކުރައްވައިފައެވެ. އަދި ކޮވިޑް-19ގެ ހާލަތުގައި ވަޒީފާ އަށް އަސަރު ކުރި މީހުން ބަލައި އެފަރާތްތަކަށްވެސް ހައްލެއް ހޯދައި ދިނުމުގެ މަސައްކަތް ބައިޑެން އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު